ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސ. ހިތަދޫ މުޑުދާސްގެ އަލީ ހަސަން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ދުވަހުގެ ރޭ 11:15 އެހާކަންހާއިރު ދެ ގްރޫޕް ކަމަށްވާ ވައިކަންމަތި ގްރޫޕްގެ ބަޔަކާއި ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ބަޔަކާ ދެމެދު ހިންގި މާރާމާރީއެއްގައި، ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ މޫސާ އަހުމަދު މަނިކު މަރައިލުމާ ގުޅިގެން ކުރި ދައުވާއެކެވެ.

މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ އާއި ސ. ހިތަދޫ މުޑުދާސް، އަލީ ހަސަން އާއި ނ. ޅޮހީ ކަނީރުމާގޭ، މުހައްމަދު ރިޔާޒްގެ އިތުރުން މ. ދިއްގަރު ދެބުދާރުގޭ، އަހުމަދު އީޖާދު މުހައްމަދެވެ.

މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ، އެ ރޭ ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ ހަތް މީހަކު އެ މީހުންގެ ރައްޓެއްސެއް ގޮވައިގެން، ޖުމްލަ އަށް މީހުން ހަތަރު ސައިކަލުގައި ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ޝާރިއުވަރުދީ މަގުގެ ޓްރެފިކް އޮތްގޮތުން، އެމަގުން ދުއްވި ކާރެއްގެ ފަހަތުގައި ކުޑަކޮށް ތާށިވެ، ކުރިއަށް ނުދެވި ތިއްބައި، އެމަގުން ދުއްވާފައި އައި ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ބަޔަކު، ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ މީހުންނާ މެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ފެށީ ކަމަށެވެ.

އެގޮތުން ވޯންޓެޑް ގަރޫޕަށް ނިސްބަތްވާ ފަރާތްތަކުން ވައިކަންމަތި ގްރޫޕުގެ ތިން މީހަކާ މެދު މާރާމާރީ ހިންގި ކަމަށާއި އެތަނުން އެކަކަކީ މޫސާ އަހުމަދު މަނިކު ކަމަށްވެސް ބުނެފައިވެއެވެ.

ވޯންޓެޑް ގްރޫޕުގެ މީހަކު ދުއްވަން އިން ސައިކަލުން ޖައްސައި މޫސާ ދުއްވަންއިން ސައިކަލް ވައްޓައިލުމަށްފަހު، އޭނާއަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށް ފުނަ ގޯޅި ތެރެއިން ދަނިކޮށް ކަޅިރަވަ ފިހާރަ ކައިރިއަށް މަގުމައްޗަށް ވެއްޓުނު ކަމަށްވެސް ބުނެފައިވެއެވެ. އެވަގުތުވެސް ދެތިން މީހަކު އޭނާއަށް ހަމަލާ ދެމުންދިޔަ ކަމަށާއި މި ހަމަލާތަކުން ސަލާމަތްވުމަށް އަނެއްކާ އޭނާ އެތަނުން ތެދުވެގެން ދުއްވައިގަތް ކަމަށާއި އެވަގުތު އޭނާއަށް ހަމަލާ ދެމުންދިޔަ ވޯންޓެޑް ގަރޫޕުގެ މީހެއް ކަމަށްވާ ސައްމާހު ދުއްވައި ގަތްއިރު އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށްވެސް ބުނެފައިވެއެވެ.

މޫސާގެ ފަހަތުން ސައްމާހު ފުނަގޯޅިން ދުވެފައިގޮސް އިރާކު މަގަށް އެޅި ކަމަށާއި ސައްމާހާ އެކު މޫސަގެ ފަހަތުން އަލީ ހަސަން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ. އެފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް މޫސަ ދުވެފައި އިރާކުމަގުން ކުޅިދޮށު މަގަށް އަޅައި ޝާރިއުވަރުދީ މަގަށް އަޅައިގެން ދަނިކޮށް ވެއްޓުނީ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެނާ މަގުމައްޗަށް ވެއްޓުނުތަން ފެނުނު ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެއިރުވެސް މޫސަ އޮތީ މަރުވެފައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މޫސަގެ ސައިކަލްގައި ޖައްސައި މަގުމައްޗައް ވައްޓައިލީ ކާކުކަން ހުށަހެޅި ހެކިތަކުން ސާފު ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ސައިކަލް ވެއްޓުމުން މޫސައަށް ހަމަލާދީ އަދި އޭނާގެ ފަހަތުން ފުނަގޯޅިން ދުވި އެކަކީ ސައްމާހު ކަމަށާއި ނަމަވެސް އޭނާ ހާދިސާ ހިނގިތަނަށް ގޮސްފައި ވަނީ މި މައްސަލައިގައި ދައު ވާލިބޭ އަލީ ހަސަންގެ ސައިކަލްގެ ފަހަތު ސީޓުގައި ކަމަށެވެ. އަދި މޫސަގެ ފަހަތުން ސައްމާހު ވަޅި ހިފައިގެން ދުވި އިރު އަލީ ހަސަންވެސް ސައިކަލްގައި އިނދެ މޫސަ ފަހަތުން ސައްމާހާ އެކު ގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަލީ ހަސަންގެ އަމަލުތަކުން އޭނާގެ ބޭނުމަކީ މޫސައަށް ދެމުންދިޔަ ހަމަލާތަކުގައި ބައިވެރިވުންކަން އެނގުނު ނަމަވެސް މި މައްސަލައިގައި ދައުވާ އުފުލި މުހައްމަދު ރިޔާޒް އާއި އަހުމަދު އިޖާޒްގެ އަމަލުތަކަށް ބަލާއިރު އެ ދެ މީހުން އެތަނަށް މޫސަ އަށް ހަމަލާދިން މީހަކު ގެންގޮސްފައިނުވާ ކަމަށްވެސް ވެއެވެ. އަދި ސަލާމަތްވާން ފެން ފުނަކޯޅިން މޫސަ ދުވެފައި ދިޔަ އިރު، އޭނާގެ ފަަހަތުން އެ ދެ މީހުންކުރެ މީހަކު ދުވެފައި ނުވަތަ ސައިކަލްގައި ގޮސްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ހާދިސާ ހިނގި ވަގުތު އެ ދެ މީހުން އުޅެފައިވާ ގޮތް ސީސީޓީވީ ފްޓޭޖުން ފެންނަން އޮތް އިރު އެ ދެ މީހުންގެ ފަރާތުން މޫސަ މަރައިލުމަށް ހިންގާފައިވާ އެއްވެސް އަމަލެއްގައި ބައިވެރިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އެ ދެ މީހުން ކުރި އެއްވެސް އަމަލަކުން މޫސަ މަރުވުމަށް އެހީތެރިކަމެއް ނުވަތަ އެކަން ކުރި މީހުންނަށް ހިއްވަރެއް ލިބިފައިނުވާ ކަމަށްވެސް ހުކުމްގައިވެއެވެ.

"އެއާ ހިލާފަށް މޫސައަށް ހަމަލާ ދިނުމުގައި ސައްމާހުއަށް އަލީ ހަސަންގެ ފަރާތުން އެހީތެރިކަން ލިބި ހިއްވަރު ލިބިފައިވެއެވެ. އެހެންކަމުން މޫސަ މަރައިލުމުގައި ބައިވެރިވިކަމަށް ބެލެވެން އޮތީ މި މައްސަލައިގައި ދައުވާ ލިބޭ ތިން ފަރާތުގެ ތެރެއިން އަލީ ހަސަން އެކަންޏެވެ.،" ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެއެވެ.

ހެންކަމުން މި މައްސަލައިގައި ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމްގައި ވަނީ، މޫސާ މަރައިލުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށް، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިޖާދާއި ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ދައުވާ ގާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށެވެ.

ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މޫސަ މަރައިލުމުގައި އަލީ ހަސަން ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާތީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ކުށުން، އަލީ ހަސަން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި 15 އަހަރު ދުވެހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުން ކޮށްފައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން 26 އޮކްޓުބަރު 2017 ގައި ހައްޔަރުކުރި ގޮތަށް ޝަރީއަތް ނިމުމާ ހަމައަށް އޭނާ ބަންދުން ދޫކޮށްފައެއްނުވާތީ، އޭނާ ބަންދުގައި ހޭދަކުރި ހަ އަހަރާއި ފަސް މަހާއި 29 ދުވަސް އެ ހުކުމުގެ މުއްދަތުން އުނި ކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ އަށް އަހަރާއި ހަ މަހާއި އެއް ދުވަސްކަމަށް ވެސް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.