މެލޭޝިޔާގައި ދެ ހެލިކޮޕްޓަރު މުޑި އަރައި 10 މީހުން މަރުވެއްޖެއެވެ.

މެލޭޝިޔާގެ ނޭވީ އަށް ނިސްބަތްވާ ދެ ހެލިކޮޕްޓަރު މުޑިއަރާފައި ވަނީ މިލިޓަރީ ޕެރޭޑަކަށް ތައްޔާރުވުމުގެ ގޮތުން ވައިގެ ތެރޭގައި ހާއްސަ އެތުރުމަކަށް ތައްޔާރުވަނިކޮށެވެ.

އަންގާރަ ދުވަހު އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯ އެއް އާންމު ވެފައިވާ އިރު، އެވީޑިއޯ އިން ފެންނަ ގޮތުން ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ ފަހަތު ބުރަފަތި އަނެއް ހެލިކޮޕްޓަރުގައި ޖެހޭތަން ފެނެއެވެ. އަދި ދެ ހެލިކޮޕްޓަރު މުޑިއެރުމާ އެކު ދެ ހެލިކޮޕްޓަރު ވެސް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މެލޭޝިޔާގެ އޮފިޝަލުން ވަނީ އެގައުމުގެ ލުމުޓްގައި ހުންނަ ރޯޔަލް މެލޭޝިއަން މިލިޓަރީ ބޭސްގައި ހިނގި އެ ހާދިސާގައި އެ ދެ ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް ބުނެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ އިރު، އެ ތަހުގީގަށް ހާއްސަ ޓީމެއް ވަނީ އެކުލަވާލައިފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ވަނީ ހާދިސާއާ ގުޅިގެން ހާއްސަ މެސެޖެއް އެކްސް މެދުވެރިކުރައްވައި ހިއްސާ ކުރައްވައިފައެވެ. ބޮޑުވަޒީރުގެ މެސެޖުގައި ވަނީ އެއީ މުޅި ގައުމު ހިތާމަކުރާ ވަރުގެ ހިތާމަވެރި ހާދިސާއެއް ކަމަށާއި ހާދިސާގައި މަރުވި މީހުންގެ އާއިލާތަަކަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.