މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ނަޒްރާ ނަސީމް (ނަޒޫ) އަށް އޭނާގެ އެއްބަނޑު ބޭބޭ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އެންޓި ކެމްޕޭން ކުރެއްވި ކަމަށް ނަޒޫގެ ފިރިކަލުން އަދި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވީ ނަޒޫގެ އިތުރުން ޕީއެންސީގެ ފަރާތުން އިބްރާހީމް ހުސެއިން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު އަބްދުﷲ އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބްރާހީމް ހުސެއިނަށް ލިބިވަޑައިގެންނެވީ 1،142 ވޯޓެވެ. ނަޒޫއަށް 1،094 ވޯޓު ލިބިވަޑައިގެންނެވި އިރު، އުމަރު އަބްދުﷲ އަށް ލިބިވަޑައިގަތީ 34 ވޯޓެވެ. އެހެންކަމުން އިބްރާހީމް ހުސެއިން، ނަޒޫގެ މައްޗަށް ކުރި ހޯއްދެވީ 48 ވޯޓުގެ ތަފާތަކުންނެވެ.

މަޖިލިސް އިންތިހާބުގެ ކަންކަމަށް އެމްޑީޕީން ހަދާފައިވާ ވަޓްސްއެފް ގުރޫޕަކަށް މަހުލޫފު މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާއަށް ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަންވެސް ފައިސަލް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒޫއާއި ދެކޮޅަށް މަސައްކަތް ކުރަމުން. މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށް ވެސް އެނގޭ،" މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފައިސަލްގެ އިތުރު މައްސަލަތަކެއްވެސް ހިމެނޭ ކަމަށާއި އެ މައްސަލަތަކާއެކު އާއިލާއިން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ނަޒޫއާ ދެކޮޅަށް ފައިސަލް އެންޓި ކެމްޕޭން ކުރެއްވި މައްސަލަ ޕާޓީއަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.