ޗައިނާއަށް ޖާސޫސް ކޮށްދިންކަމުގެ ކުށުގައި ޖަރުމަނުން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ޗައިނާގެ ނޭވީއަށް ޖަރުމަނުގެ މިލިޓަރީގެ ޓެކްނޮލޮޖީއެއް ދިންކަމުގެ ތުހުމަތުގައި ޖަރުމަނުން ހައްޔަރުކޮށްފައިވަނީ އެ ގައުމަށް ނިސްބަތްވާ ތިން މީހެކެވެ.

އެ ތިން މީހުންނަކީ ޗައިނާގެ ސީކްރެޓް ސާވިސްއަށް އެހީވަމުންދިޔަ ތިން މީހުން ކަމަށް ޖަރުމަނުގެ އޮފިޝަލުން ވަނީ ތުހުމަތުކޮށްފައެވެ.

ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނެންސީ ފެއިސާ ވިދާޅުވީ ޗައިނާއިން އެގައުމުގެ ޓެކްނޮލޮޖީއެއް ހޯދައި އޭގެން ކުރާނެ ކަމެއްގެ ސަބަބުން ޖަރުމަނަށް އޮތް ނުރައްކާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުލަވާލަން ޖެހޭ ކަންކަން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނެންސީ ވިދާޅުވިއެވެ.

ޖަރުމަނުގެ ޓެކްނޮލޮޖީ ހޯދިކަމުގެ ތުހުމަތާއެކު އެ ގައުމުގެ ބާލިންގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ އެކަން ދޮގުކޮށް އެއީ އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

ޗައިނާގެ ބަޔާނުގައި ބުނީ އެގައުމަށް ސިޔާސީގޮތުން އެ ބާވަތުގެ ތުހުމަތުކުރުމަށް ޖަރުމަނުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

ޖަރުމަނުގެ އޮފިޝަލުން ދަނީ ހައްޔަރުކުރި ތިން މީހުންނާ ސުވާލުކޮށް އެމީހުންނަށް އެހީތެރިކަން ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.