އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފަސް ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވަނީ 68 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ކާމިޔާބު ކުރެވިފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ލިބުނީ 10 ގޮނޑިއެވެ.
އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އުއްމީދަކީ 20 ވަނަ މަޖިލީހަކީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ރައްޔިތުންގެ ހެވާއި ލާބައަށް އަދި ކުރީ ސަރުކާރުން ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެންނާނެ މަޖިލީހަކަށްވުން ކަމަށެވެ.
"އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާ އިރު, މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީން ކުރަމެވެ" އެމްޑީޕީން ބުންޏެވެ.
ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމި އޮންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ބުނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާ ކަމަށާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާއި ކެނޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްދިން ހުރިހާ މީހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު