މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސުޕަ މެޖޯރަޓީ ލިބިއްޖެއެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑިއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރި 93 މެންބަރުންގެ ތެރެއިން ޕީއެންސީގެ 71 މެންބަރުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް 71 ގޮނޑި ލިބުނުއިރު ދެން އެންމެ ގިނަ ގޮނޑި ލިބުނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 12 ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ހަ މެންބަރުން ވަނީ ގޮނޑި ކަށަވަރުކޮށްފައެވެ. އަދި އެމްޑީއޭ އިން ދެ ގޮނޑި، ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކަށަވަރުވީ އެއް ގޮނޑިއެވެ.

ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އާއެކު ކޯލިޝަން ހަދައިފައެވެ. ޕީއެންސީން ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދުކޮށްފައެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ 76 މެންބަރުން ތިބޭނެއެވެ.

މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީން ވާދަކުރި ނަމަވެސް އެ ޕާޓީތަކަށް އެއްވެސް ގޮނޑިއެއް ލިިބިފައެއްނުވެއެވެ.