އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ޒަމާންތަކެއް ވަންދެން ކޮންޓްރޯލް ކުރަމުން އައި އައްޑޫ ސިޓީއާއި މާލެ ސިޓީގެ ގިނަ ގޮނޑި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ހަތް ގޮނޑީގައިވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑުއަށް އެއް ގޮނޑި އިތުރު ކޮށްފައިވާތީ އައްޑޫ މި ފަހަރު އަށް ކެންޑިޑޭޓުން އިންތިހާބު ކުރި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އައްޑޫން ލިބުނީ ދެ ގޮނޑިއެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އާއި މަރަދޫ ދާއިރާގެ ގޮނޑިއެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެ ދާއިރާގެ މިހާރުވެސް މެންބަރު އިބްރާހިމް ނާޒިލްއެވެ. އަދި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އަހުމަދު ދީދީއެވެ.
ދެން ހުރި ގޮނޑިތައް ކާމިޔާބުކުރި ކެންޑިޑޭޓުން:
- ހިތަދޫ އުތުރު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު ސިނާން (ޑީޕް ސިނާ)
- ހިތަދޫ މެދު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، ނޫސްވެރިޔާ އަހުމަދު އަޒާން
- ފޭދޫ ދެކުނު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، އިބްރާހީމްދީދީ (އައިބީ)
- ހުޅުދޫ ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު ޝާހިދު (ޝާޑު)
- މީދޫ ދާއިރާ: އަމިއްލަ ގޮތުން ވާދަކުރި އަބްދުލް ރަހުމާން (އައްދު)
- ފޭދޫ އުތުރު ދާއިރާ: ޕީއެންސީގެ ކެންޑިޑޭޓް،އިސްމާއިލް ނިޒާރު
މި ފަހަރުގެ އިންތިހާބުގައި މާލޭގެ މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އެގޮތުން މާލޭގެ 17 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބުނީ މާލޭގެ ތިން ގޮނޑިއެވެ. މާލޭގެ އެއް ގޮނޑި އެމްއެންޕީއަށް ލިބުނު އިރު، މައްޗަން ގޯޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރުގެ ތާއީދާއެކު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޒަމީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު