ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ސިހުރެއް ކަމަށާއި ގޯތި ދީފައި އޮތީ ނަރުދަމާ މަތީގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް އިން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި "ފާރަވެރި މަޖިލިސް" ކެމްޕޭން އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި އޮތީ ވެށިފަހި މާލެ ޕްރޮގްރާމު ހިންގުން ކަމަށާއި މާލޭ ސަރަހައްދުގައި އެނޫން ޕްރޮގްރާމެއް ހިންގުމެއް ނެތް ކަމަށެވެ. އަދި މެނިފެސްޓޯގައި އެކަން އޮތް ނަމަވެސް، އެ ޕްރޮގްރާމު ހިންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ 2019 ވަނަ އަހަރު ވެސް، 2020 ވަނަ އަހަރު ވެސް، 2021 ވަނަ އަހަރު ވެސް ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނެތުނީ. ދެން އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވީމާ، މިއީ ބޯހިޔާވަހިކަމޭ ކިޔާފައި، އެއީ ސިހުރެއް. އޭރުގައި ވެސް އަޅުގަނޑުމެން ދެންނެވިން އެއީކީ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނޫނޭ. އެންމެ ފަހުން ބަލައިލި އިރުގައި ގޯތި ދީފައި ހުރީ ނަރުދަމާގެ މަތީގައި. ގާދޫކޮލުން ގޯތި ކަނޑާފައި އޮތީ، ކާށިދޫ ކަނޑުންނާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމު ރަނގަޅު ގޮތުގައި ހިންގައި، އެ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން މާ ރަނގަޅަށް ހަމަޖެއްސުނީސް ކަމަށާއި ސަރުކާރުގެ ސިޔާސަތެއް ނެތުނީމާ އެންމެ ފަހު ވަގުތުގައި އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ގޮސް އަދިވެސް މީހަކަށް ގެއަކަށް ނުވަދެވޭ ކަމަށެވެ. އަދި މިފަހަރު މަޖިލިސް ކޮންޓްރޯލުކުރައްވަން އެއްވެސް ބޭފުޅަކު އުޅުއްވައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ނަވާރަ ވަނަ މަޖިލިސް އުފެދިގެން އައީ ދިވެހި ދައުލަތުގެ ދަރަނި އަލުން އަނބުރާ އެކުލަވާލާނެކަމުގެ ވައުދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަމުން. ސަނީސައިޑް ބޮންޑު ރައީސް ޔާމީން ވިއްކަވާފައި އޮތް ފައިސާ ދޭން މި ޖެހެނީ އެ ދައުރުގެ ތެރޭގައި ކަމަށްވާތީ ދަރަނި އަލުން އަނބުރާ އެކަލަވާލައި، ދިވެހީންނަށް ފަސޭހަ ގޮތެއްގައި، އެންމެ ލުއި ގޮތެއްގައި ސިޔާސަތުތައް ކުރިއަށްގެންދިއުމަށް މެނިފެސްޓޯގައި އޮތީ. ކަން ކުރެއްވި ގޮތަކީ މެނިފެސްޓޯއާ ދިމާ އިދިކޮޅަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ދަރަނި ދައްކަން ވެގެން އަނެއްކާ ފައިސާ ނެގުމުން ދަރަނީގެ ދަންތުރައިން ދިވެހިން އެއްގޮތަކަށް ވެސް ސަލާމަތްވާ ގޮތް ނުވީ ކަމަށާއި ދިވެހި ދައުލަތަށް ލިބޭ އެއްޗެއްގެ 20 ޕަސަންޓު ހަރަދުކުރަމުންދަނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށެވެ. އަދި ދަރަނި އަލުން އަނބުރާ އެކުލަވައިނުލެވި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ހާލުގައި، ތަނަވަސްކަމުގައި އުޅެވޭނެ ފުރުސަތު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު