(12 އޭޕްރީލްގެ އަދަދާ ގުޅޭ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މި ދެ އާޔަތް ބާވައިލެއްވުމުން އެންމެފުރަތަމަ އެ ޚަބަރު ދެއްވީ، أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا އަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم أمّ المــؤمــنـــيـــن ގެ އަރިހަށް ވަޑައިގެންނެވުމުން، އެކަމަނާ ވިދާޅުވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. މިއަދަކީ އޮނަތިރީސްވަނަ ދުވަހެވެ. އިތުރު ސާހިބާ ޙަދީސު ކުރެއްވިއެވެ. ބަޔެއް މައްސަރުތަކަކީ އޮނަތިރީސް ދުވަހުގެ މަސްމަހެވެ. މިހެން ޙަދީސު ކުރެއްވުމަށްފަހު، ކީރިތި ޤުރްއާނުގެ އިސްވެދިޔަ ދެ އާޔަތް ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. މާބޮޑަށް އަވަސްވެވަޑައިނުގެން، ކަމަނާގެ ބެލެނިވެރީންނާވެސް މަޝްވަރާ ކުރެއްވުމަށްފަހު ޖަވާބެއް ދެއްވާށެވެ. أمّ المــؤمــنـــيـــن ވިދާޅުވިއެވެ. މިކަމުގައި ވިސްނައި، މަޝްވަރާކުރާނެ ޖާގައެއް ނެތެވެ. އަޅުގަނޑު ޚިޔާރުކުރަނީ މާތް اللّــــه އާއި އެކަލާނގެ ރަސޫލާއެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا އަކީ އެކަމަނާގެ ތޫނު ވިސްނުންފުޅާއި މުޖްތަމަޢުގައި ހިމެނިވަޑައިގަންނަވާ ހައިސިއްޔަތާއި ފުރިހަމަ ޝަޚްޞިއްޔަތުގެ ސަބަބުން، ހުރިހާ ކަމެއްގައިވެސް އެކަމަނާއަކީ أمّـهــات ންގެ ޒަޢީމާއެވެ. އެހެންކަމުން، އެކަމަނާ އެގޮތަށް ނިންމެވުމުން އެހެނިހެން أمّـهــات ންވެސް އެގޮތަށް ޢަމަލުކުރެއްވިއެވެ. އެބޭކަނބަލުންގެ ހުށަހެޅުއްވުން ހިތްޕުޅުގެ އަޑީން އަނބުރާ ގެންދަވައިފިއެވެ. އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމަށް އަލުން އުފާފާގަތިކަން އަތުވެއްޖެއެވެ.

އީމާންތެރިކަމާއި ޙައްޤާއި ޢަދުލުއިންޞާފަށް ގޮވައިލުމުގެ ދަޢުވަތެއް ތަޙްރީކެއްގެ ސިފައިގައި ތެދުވެ ހިންދެމިލައިފިކަމުގައިވާނަމަ އެ ތަޙްރީކާ ދެކޮޅުހަދާ ބާރުތައް ހައްތާވެސް ދާނީ ފަހަތަށް ސޮހެމުންނެވެ. ދަޢުވަތާ ދެކޮޅަށް ކުރާ މަސައްކަތުގައި ވާހަކަދެއްކުމާއި ބަހުސުކުރުމުގައިވެސް އިދިކޮޅުމީހުންނަށް ނާކާމިޔާބުވަމުންދާން ފަށައިފިކަމުގައިވާނަމަ އިދިކޮޅުން ދެން ބޭނުންކުރާނެ ހަތިޔާރަކީ ފިތުނަ އުފެއްދުމާއި ހަމަތަކާއިނަމަތައް ވެސް އުވާލައި ނިރުބަވެރި ޙަރަކާތްތައް ހިންގުމެވެ. އެކަންކަންވެސް ކަމުފޮޅަމުން ނުދާކަމުގައިވާނަމަ އެއުރެންގެ ޙަސަދައާއި ނީހައާއި ޚުލުޤު ނުބައިކަން އެއުރެންގެ ކިބައިގައި އުފައްދާނީ ޖަރީމާތައް ހިންގާ މީހުންނާއި މަގުފޭރޭ މީހުންނާއި ޤާތިލުންގެ ޒިހުނިއްޔަތެވެ. އެ މަރްޙަލާއަށް ވަދެވުމުން އިދިކޮޅު ފަރާތުން މަސައްކަތްކުރާނީ ޙައްޤުގެ މަގަށް ގޮވާލައްވާ އަދި ޢަދުލުވެރިކަން ޤާއިމުކުރައްވާން މަސައްކަތްކުރައްވާ ޤާއިދުގެ ފުރާނަފުޅު ހިފޭތޯއެވެ. އެބައިމީހުންގެ އަތުގައި ނުފޫޒާއި ބާރާއި ވެރިކަން އޮވެއްޖެކަމުގައިވާނަމަ އެބައިމީހުން ވާދަވެރިޔާގެ ވައިނޮޅިޔަށް ވައްދައިލާނީ ސިޔާސީ ގަދަބަދަވިކަމުގެ ވަކިތަކެވެ. އުރައިން ދަމައިގަންނާނީ ޤާނޫނުގެ ކަނޑިބަޑިއެވެ. ސަރިޔަތް ހިންގުމުގެ ޑްރާމާކުޅެ އިންސާނިއްޔަތުގެ ޚާދިމުންގެ ލެއިން އަތުގައިދާނީ ކުލަޖައްސަމުންނެވެ. ވެރިކަމާއި އާރާއި ބާރު ލިބިފައިނުވާނަމަ ރާވާނީ އިންސާނިއްޔަތުގެ ހެވަތައަށް ދަޢުވަތު ދެއްވާ ޤާއިދު ސިއްރުން ޤަތުލުކޮށްލާށެވެ. އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އާމެދު މައްކާގެ ޖާހިލު ޤުރައިޝުންގެ މޫލަވެރީން ޚިޔާރުކުރީ އެގޮތެވެ. މަދީނާގައި ދީންވެރިކަމުގެ ސިއްކަ ޖަހާމީހުންވެސް ހިނގާން ދިމާކުރީ ހަމަ އެމަގުންނެވެ.

ޔަހޫދީންގެ ބޮޑުންކުރެ އިސްލާމްދީނާއި އެދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އެންމެބޮޑު ދުޝްމިނަކީ كــعب بـــن أشــــرف އެވެ. އޭނާގެ ބަފަޔަކީ ޠައްޔުވަންހައިގެ (ނުވަތަ ޝާމުކަރައިގެ ނަބްހާނުވަންހައިގެ) ޢަރަބީންގެ މީހެކެވެ. އޭނާ އެތައްބަޔަކު މެރުމަށްފަހު ފިލައިގެން މަދީނާޔަށް އައިސް ފޭބީ بــنـــوالــنّـضـيـــر ވަންހައިގެ މީހުންގެ ތެރެޔަށެވެ. ޔަހޫދީއަކު ކަމުގައި ހެދިގެންނެވެ. އޭނާ ކާވެނިކުރީ نــضـيـــر ވަންހައިގެ أبــــو رافـــع بــــن أبـــى الحـقـيــــق ދަރިޔަކާއެވެ. އެކަނބުލޭގެއަކީ ވަރަށް މުއްސަނދި މަހްޖަނެކެވެ. އެ ދެމަފިރީންނަށް ލިބުނު ދަރިޔަކީ كــعب بـــن أشــــرف އެވެ. މިގުޅުމުގެ ސަބަބުން ޢަރަބީންގެ ތެރޭގައިވެސް ޔަހޫދީންގެ ތެރޭގައިވެސް އޭނާގެ ނުފޫޒު ވަރަށް ގަދައެވެ. كــعب އަކީވެސް މުދާގިނަ މުއްސަނދި މަހްޖަނެކެވެ. އިސްކޮޅުން ދިގު ރީތި މީހެކެވެ. ކުޅަދާނަ ޅެންވެރިޔެކެވެ. އިސްލާމްދީނާއި އެދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާމެދު އޭނާގެ މޭގައި އަނދައަނދައި ހުންނަނީ އިންތިހާދަރަޖައިގެ ވިހަ އަލިފާންގަނޑެކެވެ. އޭނާވަނީ މަދީނާގެ އެތައްބަޔަކަށް ވަޒީފާ ދީގެން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެކޮޅުވެރިވުމުގައި އޭނާއާ އެއްބައިވާނެ ވިއްޔެއް އުފައްދައިފައެވެ.

ސީރަތުގެ ފޮތްތަކުގައި ވާރިދުވެފައިވާ ޔަޢުޤޫބީގެ ރިވާޔަތެއްގައިވާގޮތުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރާން އޭނާ ރޭވުމެއް ރޭވިއެވެ. އޭނާ ރާވައިފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ގޮވައިލުމެއް އަރުވާށެވެ. އިތުރު ސާހިބާ އެދަޢުވަތަށް ވަޑައިގެންނެވުމުން ޝަހީދުކޮށްލާށެވެ. އޭނާ ކުރީއްސުރެ ތައްޔާރުކޮށްފައިވާ ވިލީގެ މީހުން މެދުވެރިކޮށެވެ. ފަތުޙުލްބާރީގައިވާ ރިވާޔަތެއްވެސް މި ރިވާޔަތަށް ތާއީދުކުރެއެވެ. ނަމަވެސް ސީރަތު ޢިލްމުގެ ބައެއް ބޭކަލުން ލިޔުއްވާގޮތުގައި މި ރިވާޔަތަކީ މުސްތަޤިއްލު ހައިސިއްޔަތުން ބަލާއިރު މާގަދަ ރިވާޔަތެއް ނޫނެވެ. ނަމަވެސް كــعب بـــن أشــــرف ގެ އިސްލާމް ދުޝްމިނުކަމާއި އޭނާގެ ޢަދާވަތްތެރިކަމާއި ޖުމުލަގޮތެއްގައި އޭނާގެ ޢަމަލުތައް ހުންނަގޮތާ ގުޅުވައިލާއިރު އޭނާ މިފަދަ ރޭވުމެއް ރާވައި ޢަމަލީސިފަ ގެންނާން މަސައްކަތްކުރުމަކީ ނުހަނު އެކަށީގެންވާ ކަމެކެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެމެދު ޤުރައިޡަތުވަންހައިގެ މީހުން ކޮށްފައިވާ މުޢާހަދާ އާކުރިދުވަސްވަރު بــنـــونــضـيـــرة ގެ މީހުންވެސް ކައުސާހިބާގެ އަރިހަށް ދަޢުވަތު ފޮނުވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގަންނަވާށެވެ. އަރިހުގައި ގެންނަވާންވާނީ ތިންބޭކަލެކެވެ. އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ތިން ޢާލިމުން ހުށަހަޅާނޫއެވެ. ކަލޭގެފާނު ކަލޭގެފާނުގެ ދަޢުވަތާއި ތިޔަ ދައްކަވާ ވާހަކަފުޅުތައް އެ މަޖިލީހުގައި ހުށަހަޅުއްވާށެވެ. އަޅުގަނޑުމެންގެ ޢާލިމުން ކަލޭގެފާނުގެ ވާހަކަފުޅު ތަޞްދީޤުކުރައްވައިފި ކަމުގައިވާނަމަ އަޅުގަނޑުމެން އެންމެން ކަލޭގެފާނަށް އީމާންވެ އިސްލާމްވެދާނޫއެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެގާތަށް ވަޑައިގަންނަވާން ގެކޮޅުން ނުކުމެވަޑައިގެންނެވިއެވެ. ނަމަވެސް މަގުމަތީން ޚަބަރު ލިބިވަޑައިގެންނެވި ގޮތުގައި ޔަހޫދީން ތިބީ ހަތިޔާރު އަޅައިގެންނެވެ. ޔަހޫދީން އިންތިޒާރުކޮށްގެންތިބީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެ ގާތަށް ފައިންޕުޅު ބީއްސެވުމާއެކު ޝަހީދުކޮށްލާށެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އެނބުރި ވަޑައިގެންފިއެވެ.

عــمــــــرو بـــن أمــيّـــة الـضّـمـــــرى رضــى اللّـــه عـــنــــه އަށް ވަނީ بــــئر مـعــــونـــة ގެ ހިތާމަވެރި ހާދިސާއާ ވިދިގެން ކިލާބުވަންހައިގެ ދެމީހަކު ޤަތުލުކުރެއްވިފައެވެ. އެކަލޭގެފާނަށް އޮޅިވަޑައިގެން ކުރެއްވުނު ކަމެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކަނޑައެޅުއްވީ އެ ދެމީހުންނަށް މަރުގެދިޔަ ދެއްވާށެވެ. އެހެންކަމުން އެ ދެމީހުންގެ މަރުގެދިޔައަށް ޗަންދާ އެއްކުރެއްވުމަށްޓަކައި بــنـــوالــنّـضـيـــر ވަންހައިގެ މީހުންގެ ތެރެއަށް ވަޑައިގެންނެވިއެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ޗަންދާ ދިނުމަކީ މަދީނާގެ މީޘާޤު ޔަހޫދީންގެ މައްޗަށްވެސް ލާޒިމުކުރާ ކަމަކަށްވާތީއެވެ. އެކަމަކު އުޙުދު ހަނގުރާމައާއި އޭގެފަހުން ހިނގައިފައިވާ رجـيــع އާއި بــــئر مـعــــونـــة ގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ޔަހޫދީންވަނީ މުސްލިމުންނާމެދު ޖެހިލުންކުޑަވެފައެވެ. އެބައިމީހުން ގެންދިޔައީ މައްކާގެ މުޝްރިކުންނާއި މަދީނާގެ މުނާފިޤުންނާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ނުބައި ރޭވުންތައް ރާވަމުންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެހުރިހައިކަމެއް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ނަމަވެސް މިފަދަ ހާދިސާތަކާ ވިދިގެން ޗަންދާ ދިނުމަކީ މަދީނާގެ މީޘާޤު ޔަހޫދީންގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާތީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުންގެ ތެރެޔަށް ވަޑައިގެންނެވީއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި أبـــوبــكـــر، عــمــــــر، عـلـــى رضـــى اللّـــه عـــنــهـــم އާއި އެނޫންވެސް ޞަޙާބީންގެ ކުރިޔަށްތިއްބެވި ބައެއް ބޭކަލުން ވަޑައިގެންނެވިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ ތެރެޔަށް ވަޑައިގެންނެވުމުން އެބައިމީހުން ރޭވީ އެމާތް ސާހިބާ ޝަހީދުކޮށްލާށެވެ. އެކަމަކު އެބައިމީހުން މަތިއޮމާންކޮށްފައި ދެންނެވިއެވެ. "އޭ أبـــوالــقــاســـــم އެވެ. އަޅުގަނޑުމެން ތިޔަ ވިދާޅުވި ކަންތައް ކުރާނޫއެވެ. ކަލޭގެފާނު މިތާނގައި މަޑުކޮށްލައްވާށެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެއެއްގެ ފާރުގެ ހިޔަލުގައި އެފާރުގައި ލެނގިވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަޑުކުރައްވައިގެން އިންނެވީ ޔަހޫދީން އެބައިމީހުންގެ ވަޢުދު ފުއްދުމުގެ އިންތިޒާރުގައެވެ.

ޔަހޫދީން އެކަމާ ސައްލާކުރާން ބައްދަލުވުމާއެކު ޝައިޠާނާ އެއުރެންގެ ބޮލަށް ސަވާރުވެއްޖެއެވެ. އެބައިމީހުންގެ ތަޤްދީރުކަމުގައި ވެފައިވާ ބަދުނަސީބު އެބައިމީހުންގެ ރޭވުން ޒީނަތްތެރިކޮށް ދައްކައިދީފިއެވެ. އެހެންކަމުން އެއުރެންގެ ސައްލާ ބަދަލުކޮށްލީ رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކުރުމުގެ ސައްލާއަކަށެވެ. އެއުރެން އެކަކުއަނެކަކާ ސުވާލުކުރިއެވެ. "މިއޮތްފެންނަ އުޑިކިބަ ހިފައިގެން މައްޗަށްއަރައި އެކަލޭގެފާނުގެ އިސްތަށިފުޅުމައްޗަށް ވައްޓައިލައި އިސްތަށިފުޅު ޗިސްކޮށްލާންކެރޭނީ ކާކަށްހެއްޔެވެ؟"

ޔަހޫދީންގެ ބަދުނަސީބު މީހެއްކަމުގައިވާ عــمــــــرو بـــن حجـــاش ޖަވާބުދިނެވެ. "އެމީހަކީ އަހަރެންނެވެ." ޔަހޫދީންގެ ބޮޑުންކުރެ ســــلام بــــن مشكـــم އެވަގުތު އެބައިމީހުންނަށް ވިސްނައިދިނެވެ. "ތިޔަފަދަކަމެއް ނުކުރާށެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ގަންދެމެވެ. އެކަލޭގެފާނަށް ތިޔަ ޚަބަރު ލިބިވަޑައިގަންނަވާނެއެވެ. އަނެއްކާ ތިޔަކަމަކީ އަހަރެމެންނާ އެކަލޭގެފާނާ ދެމެދު ކުރެވިފައިވާ މުޢާހަދާއާ ޚިލާފުވެސް ކަމެކެވެ." އެކަމަކު ޔަހޫދީން އެބަސް ޤަބޫލެއް ނުކުރިއެވެ. އެބައިމީހުންގެ ނުބައި ރޭވުމަށް ޢަމަލީސިފަ ގެނައުމުގެ މަސައްކަތް ފަށައިގަތެވެ.

އަނެއްކޮޅުން ربّ الـعــالمـــــــيـن ގެ ޙަޟުރަތުން އެޚަބަރާއިގެން جــبـــــريـــل الأمـيـــــن ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެންފިއެވެ. ޔަހޫދީންގެ ރޭވުން އޮތްގޮތުގެ ވާހަކަ ބަޔާންކޮށްދެއްވައިފިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހަމައެވަގުތު އެތަނުން ތެދުވެވަޑައިގެން މަދީނާއަށް ވަޑައިގެންފިއެވެ. އަރިހުގައި ވަޑައިގެންނެވި ޞަޙާބީންވެސް ފަހަތްޕުޅުން ވަޑައިގެން ބައްދަލުކުރައްވައިފިއެވެ. އެބޭކަލުން ވިދާޅުވިއެވެ. "ކަލޭގެފާނު ކުއްލިޔަކަށް ތިޔަ ވަޑައިގެންނެވީ ކީއްވެގެންކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ ރޭވުމުގެ ޚަބަރު އެބޭކަލުންނަށް ދެއްވިއެވެ. (އައްރަޙީޤުލް މަޚްތޫމި، މައުލާނާ ޞަފިއްޔުއްރަޙްމާން މުބާރިކު ޕޫރީ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޒަހަރު އަރުވައި ޝަހީދުކޮށްލާން ޔަހޫދީ އަންހެނެއްކަމުގައިވާ زيـنـب بـنت الحـــــارث ނުވަތަ (الحـــــرث - ســـلام بـــن مشكــم ގެ އަނބިކަނބުލޭގެ) ރޭވުމެއް ރޭވިއެވެ. ދުވަސްވަރަކީ ޚައިބަރު ހަނގުރާމައިގެ ދުވަސްވަރެވެ. އެކަނބުލޭގެ ބަކަރިޔެއް ފިހެފައި އޭގެ މަހަށް ޒަހަރުލައިފައި އިތުރު ސާހިބާގެ އަރިހަށް ވެދުމަށް ފޮނުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެންމެ މީރުފުޅީ ބަކަރީގެ ކޮން ގުނަވަނެއްގެ މަސްތޯ ހޯދިހޯދުމުގައި އެކަނބުލޭގެ ވަނީ އެންމެ މީރުފުޅީ ކުރިމަތީ ފައި (މުލައްދަނޑީގެ ބައި - އައްޛިރާޢު) ގެ މަސްކަން އޮޅުންފިލުވައިފައެވެ. އެހެންކަމުން އެކަނބުލޭގެވަނީ މުލައްދަނޑީގެ މަސްތަކަށާއި ބައިމަތީ މަސްތަކަށް އާދަޔާ ޚިލާފަށް ގިނައިން ވިހަލައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއިން މަސްކޮޅެއްގައި ދަތްޕުޅު އެޅުއްވިއެވެ. (ނުވަތަ އަނގަފުޅަށް ލެއްވިއެވެ.) ނަމަވެސް އެމަހަށް ވިހަލައިފައި ހުރިކަން އެނގިވަޑައިގެން އަރުފުޅުން އެތެރެނުކުރައްވައި އެއްލައިލެއްވިއެވެ. އަރިހުގައި ފަރީއްކުޅުއްވާން ތިއްބެވި ބޭކަލުންނަށްވެސް އެތަކެތި ފަރީއްކުޅުއްވުން މަނާކުރެއްވިއެވެ. އަރިހުގައި ފަރީއްކުޅުއްވާން ތިއްބެވި ބޭކަލުންކުރެ أبـــوبــكـــر رضــــى اللّــــه عــنـــــه ވެސް އެއިން މަސްކޮޅެއްގައި ދަތްޕުޅު އެޅުއްވިއެވެ. بشــــربـــن بـــــرّاء بـــن مـعـــــــرور رضـــى اللّــــه عــنـــــه ވެސް އެއިން މަސްކޮޅެއް އަނގަފުޅަށް ލެއްވިއެވެ. އެމަހުގައިވާ ޒަހަރުގެ ދިލަ އިޙުސާސްކުރެއްވުމާއެކުވެސް އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައި ހޮޑުފުޅުލެއްވުމަކީ ބޭއަދަބީ ކަމެއްކަމުގައި ބައްލަވައިފައި އެމަސްކޮޅު ދިރުއްވައިލެއްވިއެވެ. އެކަލޭގެފާނު ވަނީ ވަގުތުން އަވަހާރަވެފައެވެ.

(ނުނިމޭ)