އީރާނާއި އިޒްރޭލުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އެއްވެސް ހަމަލާއެއް ނުދީ މައިތިރިވެގެން ތިބުމަށް މުޅި ދުނިޔެއިން މިހާރު ދަނީ އިލްތިމާސް ކުރަމުންނެވެ. މި ދަނޑިވަޅުގައި ހަނގުރާމައިގެ ބެރުގެ އަޑު އެންމެ ގަދައީ އިޒްރޭލުގައެވެ. އެ ބެރު ތަޅަމުންދަނީ އިޒްރޭލުންނެވެ. އިޒްރޭލުން ބުނެއެވެ. އީރާނުން މި ހަފުތާގައި ދިން ހަމަލައިގެ ބަދަލު ހިފާނަމެވެ. އީރާނަށް ފިލާވަޅެއް ނުދީ މައިތިރިއެއް ނުވާނަމެވެ. ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ފަރުވާލެއް ނެތެވެ. އަނެއްކޮޅުން އީރާނުން އެބަބުނެއެވެ. ކިތަންމެ ކުޑަ ހަމަލައެއް އަޔަސް ދެން ނިމުނީއެވެ. ކުރިން ހަމަލާދިނީ އަންގައި އިއުލާންކޮށްފައެވެ. ދެން އިޒްރޭލަށް ރައްދުދޭނީ މާވަރުގަދަކޮށެވެ. އިންޒާރުދިނުމެއް، ވަގުތު ދިނުމެއް ނޯންނާނެއެވެ. ކޮންމެއަކަސް ދެ ފަރާތުގެ ބަސްމަގު މިގޮތަށް ހުރުމާއެކު ހަގީގީ ބޮޑު ހަނގުރާމައެއްގެ ބިރު ނުހަނު ބޮޑެވެ. ދުނިޔެ މިއޮތީ ދެންވާނެ އެއްޗެއް ނޭނގުމާއެކު ބޮޑުވެގެންވާ އުދާހެއްގެ ތެރޭގައި ނޭވާ ހިފަހައްޓައިގެންނެވެ.
ހަނގުރާމައެއް ފެށިއްޖެނަމަ އިޒްރޭލާއެކު ތިބޭނީ އެމެރިކާ އާއި ހުޅަނގު ޔޫރަޕުގެ ގައުމުތަކެވެ. ދެން ޖަޕާނާއި އޮސްޓްރޭލިޔާ އާއި ދެކުނު ކޮރެޔާއެވެ. އީރާނުގެ ފަޅިއަށް އަރާނެ ކަމަށް ބެލެވެނީ ރަޝިޔާ އާއި ޗައިނާއެވެ. ހަނގުރާމައެއް ފެށުމަކީ މިއިން އެއްވެސް ބަޔަކު އެދޭގޮތެއް ނޫނެވެ. މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށި އެމެރިކާގެ ލަޝްކަރު އެކަމުގައި ޝާމިލްކުރުމަކީ މިވަގުތު އެމެރިކާއިން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އީރާނަށް ހަމަލަނުދީ ހިމޭންވާށޭ، ހަމަލަދިނަސް އެކަމުގައި އެމެރިކާއިން ބައިވެރިއެއް ނުވާނަމޭ އަންގަވައި ރައީސް ޖޯ ބައިޑެން އިޒްރޭލަށް އިންޒާރު ދެއްވީ އެހެންވެގެންނެވެ. އިޒްރޭލް މައިތިރިކުރަން އެމެރިކާއިން އެވަރަކަށް ބާރުއަޅަނީ އީރާނަށް ހެޔޮއެދިގެނެއް ނޫނެވެ. ޔުކްރޭނުގައި އެމެރިކާއިން ފާއިތުވި ދެ އަހަރު ޖަހާފައިވާ އަދި ޖަހަމުންދާ ސަކަރާތުގެ ބަދަލު ހިފުމަށްޓަކައި އީރާނު މެދުވެރިކޮށް މެދުއިރުމަތީގައިވާ އެމެރިކާގެ މަރުކަޒުތަކަށް ރަޝިޔާއިން ހަދައިލާނެ ގޮތެއް ނޭނގޭތީ ބިރުންނެވެ.
އީރާނާއި އިޒްރޭލަކީ ސަރަހައްދީ އިމަކުން ގުޅިފައިވާ ދެ ގައުމެއް ނޫނެވެ. ދެ ގައުމުގެ ދޭތެރޭގައި ދެހާހެއްހައި ކިލޯމީޓަރުގެ ދުރުމިން އެބަހުއްޓެވެ. އެހެންވީމާ ކޮންމެ ބަޔަކު ހަމަލާއެއް ދިނަސް އެ ހަމަލާގައި ބޭނުންކުރަން ޖެހެނީ އެދޭތެރޭގައިވާ ގައުމުތަކުގެ ވައިގެ ސަރަހައްދެވެ. އިރާގާއި ސީރިޔާއެވެ. ޖޯޑަންއާއި ސައޫދީ އަރަބިޔާއެވެ. މި ހަފުތާގައި އީރާނުން ފޮނުވައިލި ހަމަލާގައިވެސް ބޭނުންކުރީ މި ގައުމުތަކުގެ ވައިގެ ސަރަހައްދެވެ. މީގެތެރެއިން އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސުން ވަނީ އިރާގާއި ސީރިޔާގެ ވައިގެ ސަރަހައްދުގެ ތެރޭގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކަށް ހަމަލާދީ ވަރަށް ގިނަތަކެތި ވައްޓައިލައިފައެވެ. ޖޯޑަނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުގެ ތެރޭގައި ހަމަ މިފަދައިން އަމަލުކޮށްފައެވެ. މީޑިއާއާ ހަމައަށް ތިލަވެގެން ނައިކަމަށް ވިޔަސް ސައޫދީ އަރަބިޔާގެ ވައިގެ ސަރަހައްދުވެސް އީރާނުން ބޭނުންކުރިކަމާއި ސައޫދީންވެސް އަމަލުކުރީ ޖޯޑަނުން ކަންކުރި ގޮތަށްކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.
އީރާނުގެ ޑްރޯންތަކާއި މިސައިލްތައް އިޒްރޭލާ ހަމައަށް ފޯރުމުގެ ކުރިން ޖޯޑަން ފަދަ ގައުމުތަކުން އަމަލުކުރިގޮތާ ދޭތެރޭ އީރާން އޮތީ ވަރަށް ނުރުހިފައެވެ. އީރާނާ ދެކޮޅަށް އިޒްރޭލުން ފޮނުވައިލާ މިސައިލްތަކާއި ޑްރޯންތަކާއި ޖެޓްތައްވެސް ދަތުރުކުރާން އޮތް ރާސްތާއަކީ މިއީ ކަމަށްވާތީ މިއިން ގައުމަކުން އެތަކެތި ވައްޓައިލަން އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ އީރާނުން ބަލާނީ އެއީ އިޒްރޭލުގެ އުދުވާނުގައި އަމަލީގޮތުން ބައިވެރިވުމެއް ކަމަށެވެ. އިޒްރޭލުގެ އުދުވާނުގައި ބައިވެެރިވާ ގައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ތަކުރާރުކޮށް އީރާނުން ވަނީ ދީފައެވެ. މިއީވެސް މި ހަނގުރާމަ ފުޅާވެގެން ބިރުވެރިކަން އިތުރުވެދާނެ ކަމެކެވެ. އީރާނާއި އިޒްރޭލުގެ ކުރިމަތިލުމުގެ ހުޅުގަނޑު މުޅި މެދުއިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ކަމެކެވެ. ފެންނަ ފެނުމުގައި އީރާން އެއޮތީ އިންޗިއެއްވެސް ދޫކުރާ ގޮތަކަށް ނޫނެވެ. އީރާނުން އަމަލުކުރާނެ ކަމަށް ގަބޫލުކުރެވެނީ އީރާނު ބުނަމުން، އަންގަމުން ގެންދާ ގޮތަށެވެ.
އިޒްރޭލުން އީރާނާ ދެކޮޅަށް ދޭ ހަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެމެރިކާއިން އެންގިޔަސް އެއީ އެކަން ހިނގާނެ ގޮތެެއް ނޫނެވެ. އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަންނާނެއެވެ. ނުވަދެ ފަރަކު ނުޖެއްސޭނެއެވެ. އިޒްރޭލުން އީރާނަށް ދޭ ހަމަލާއެއް ނުހުއްޓުވައި އީރާނުން ދޭ ހަމަލައެއް ހުއްޓުވުމަކީ އީރާނުގެ ބާރު ކަނޑުވައިލުމުގެ ހަރަކާތެކެވެ. އީރާނާ ދެކޮޅަށް ހިންގޭ ހަނގުރާމައިގެ އަމަލެކެވެ. އެ ހާލަތުގައި އެމެރިކާގެ ތަކެއްޗާއި ސިފައިންނަށްވެސް ހަމަލަދޭން އީރާނަށް މަޖުބޫރުވާނެއެވެ. އީރާނުގެ އަތްފޯރާފަށުގައި އެހެރީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކެވެ. ބަހުރައިނާއި ގަތަރުގައެވެ. އެމިރޭޓްސްއާއި ސައޫދީ އަރަބިޔާގައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ތެދުވެއްޖެނަމަ މިތަންތަނަށް އީރާނުން ހަމަލަނުދީ ނުތިބޭނެއެވެ. އީރާނު މެދުވެރިކޮށް އެކަންކުރުމަކީ ރަޝިޔާގެ ވަރަށްބޮޑު އެދުމަކަށްވެސް ވާނެއެވެ. މިއިން ތަނަކަށް އީރާނުގެ ހަމަލައެއް އަމާޒުވުމަކީ އެ މަރުކަޒެއް ހުރި ގައުމަކުންވެސް ހަނގުރާމައިގެ ތެރެއަށް ވަންނަން މަޖުބޫރުވާނެ ކަމެކެވެ.
އީރާނާއި އިޒްރޭލާ ދެމެދު ފެށޭ ކުރިމަތިލުމެއްގައި އެމެރިކާ އާއި ގަލްފުގެ އަރަބި ގައުމުތަކުން އަމަލުކުރާ ގޮތަކަށް ބަލައިފައި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ ވަރަށް ގާތްކަމެކެވެ. މިގޮތަށް އަމަލުކުރާނެ ކަމުގެ އިޝާރާތްތައް އީރާނުންވަނީ ކޮށްފައެވެ. ހޮރްމުޒް ކަނޑުއޮޅިޔަކީ ގަލްފަށް ވަދެނިކުމެވެވޭ ދޮރެވެ. ގަލްފަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ނެރެވޭ ތެލުގެ ސާޅީސް އިންސައްތަ ބޭރުކުރާ ސަރަހައްދެވެ. އީރާނު އޮންނަނީ ގަލްފުގެ އިރުމަތީ އައްސޭރީގައެވެ. މި ދޮރު އީރާނުން ބަންދުކޮށްފިނަމަ ދުނިޔެ ތެލަށް ޖެހޭނެެއެވެ. ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. އަނެއްކޮޅުން ރަތްކަނޑަށް ވަދެނިކުމެވެވޭ ބާބުލްމަންދިބު ކަނޑުއޮޅިވެސް ބަންދުވުމަކީ ގާތްކަމެކެވެ. އެ ކަނޑުއޮޅީގެ އަނގަމަތީގައި އެއޮތީ އީރާނުގެ ބައިވެރިއެއް ކަމަށްވާ ޔަމަނެވެ. މިކަންކަން މިހެން ހުރުމުން މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށުމަކީ މުޅި ދުނިޔެއަށް ކުރިމަތިވާ ތަކުލީފަކަށް ވާނެއެވެ. އެންމެންވެސް ހޯހޯއޭ އެގޮވަނީ އެހެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު