ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެ މަސައްކަތް ފައްޓަވައިދެއްވީ މިއަދު ހިޔާ ޓަވަރު ކޯޓްޔާޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި މިނިސްޓަރު އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދެވެ.
އެ މަޝްރޫއުގެ ދަށުން ޖުމުލަ 32 ލިފްޓު ހަރުކުރާނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖާ އަދި ސްޓެރެޗާ ލިފްޓެކެވެ.
އެ މަޝްރޫއު 14 ފެބްރުއަރީ 2024 ގައި އެޗްޑީސީގެ ފަރާތުން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕްއާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް މަޝްރޫއު ހަވާލުކުރީ ކިހާ ފައިސާއަކަށް ކަމެއް ނުބުނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ، އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ދެން ފަށާ މަޝްރޫއުތަކުގައި ވިހާވެސް ބޮޑަށް އަރާ ފޭބުމަށާއި ރައްޔިތުންނަށް ތަކެތި އުފުލުމަށާއި އަދި ސްޓެޗާ އަރުވާ ބާލަންޖެހޭ ފަރާތްތަކަށްވެސް ވަސީލަތްތަކެއް ހަރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ދެން ފެށޭ މަޝްރޫއުތަކެއްގައި މިކަމަށް ފެސިލިޓީތަކެއް ގާއިމުކުރާނަން. މިހާރު ހަރުކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓެޗާ އެރުވޭވަރުގެ ބޮޑު ލިފްޓަކަށްވާނެ،" ހައިދަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު