ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ތާވަލުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ 28 ވަނަ ދުވަހުގެ ރޭގަނޑު 8:15 ގައި ކަމަށެވެ. ޖަލްސާ އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށް ކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އަހަރީ ޖަލްސާގައި ބައިވެރިވުމަށް ދިރާގުގެ ހިއްސާދާރުންގެ ޕްރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށެވެ. އަދި ޕްރޮކްސީންގެ ރެޖިސްޓްރޭޝަން ހުޅުވާލާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށް ދިރާގުން ބުންޏެވެ.
"ވީމާ، 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުވަނީ އެރުވިފައެވެ،" ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 އަށް ލިމިޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންގެ ތެރެއިން ޖަލްސާގައި ބައިވެރިވެވޭނީ ޖަލްސާ ބާއްވާ މާލަމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އަންގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު