ކ. ގުޅިފަޅުގެ ބިން ހިއްކައި ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ އިއްޔެ ކަމަށެވެ.

"ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް ވަނީ އަޅައިފައި." ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅުން ހިއްކާފައިވަނީ 192 ހެކްޓަރުގެ ބިމެވެ.

ކުރީގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ޕޯޓެއް ތަަރައްގީ ކުރުމަށެވެ. އަދި ވަނީ ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ހެދުމަށް ނިންމި އެ ޕޯޓު، ތިލަފުށްޓަށް ބަދަލުކޮށް، ގުޅިފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭނެއް ހަދައިފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހެދި އެ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާ އިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން އިގުތިސޯދީ މަސައްކަތްތަކަށް ވެސް ބިން ކަނޑައަޅާފައިވެއެވެ. އެ ބިން ހާއްސަ ކުރަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީކުރުމަށެވެ.

މީގެ އިތުރުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފަރީތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.