އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހާއި އިންތިހާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.
ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށާފައިވަނީ ރޭ ފަތިހު ކަމަށެވެ.
އެގޮތުން އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ފޮނުވަންޖެހޭ ތަކެތި ކަނޑުމަގުން ފޮނުވާފައިވާ ކަމަށާއި ތ. ލ. ގއ. ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިއަދު ހަވީރު 5:30 އާ ހަމައަށް އެތަކެތި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް ކުރާނީ މާދަމާ ކަމަށެވެ. ނަމަވެސް އަތޮޅުތަކުގެ ވެރިރަށަށް ފޮނުވާ މިތަކެތި އެ އަތޮޅުތަކުގެ ރަށްރަށަށް ފޮނުވާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ހޮނިހިރު ދުވަހުގެ ނިޔަލަށް ފޮނުވާނެކަމަށްވެސް ވިދާޅުވިއެވެ.
މިފަހަރު ވޯޓު ފޮށީތައް ބަހައްޓަން ހަމަޖެހިފައިވާ ބޭރުގެ ތިން ގައުމު ކަމަށްވާ ސްރީލަންކާ އާއި އިންޑިއާ އާއި މެލޭޝިޔާއަށް ތަކެއްޗާއި އޮފިޝަލުން ފޮނުވާނީ ހުކުރު ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ، ރަށްތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށިތަކާއި ސެކިއުރިޓީ ބޮކްސްތައް ފޮނުވަނީ އެ ކޮމިޝަންގެ މުވައްޒިފުންނާ އެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގުލިބިގެންވެއެވެ. މި އިންތިހާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު