ގާނޫނާހިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސްރީ ލަންކާގެ ބޯޓެއްގެ ވެރިފަރާތް ޖޫރިމަނާކޮށް އެ ބޯޓާއި އެންމެހާ ތަކެތި ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓް ކުރުމެއް ނެތި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ލަންކާގެ އުޅަނދެއް ކަމަށްވާ "ސުދިސަ ޕުތަ02" ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި ދިވެހި ދައުލަތުން ކުރި ދައުވާއެކެވެ.
މި މައްސަލައިގައި އެ އުޅަނދުގެ ވެރިފަރާތުގެ ހައިސިއްޔަތުން ލަންކާގެ ރައްޔިތެއް ކަމަށްވާ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް ފިޝަރީޒް މިނިސްޓްރީން އެ ފަރާތަށް ފޮނުވާފައިވާ ޖޫރިމަނާ ނޯޓިސްގައިވާ ފައިސާއަކީ ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މިއަދާ ހަމައަށްވެސް އެ ފައިސާ ދައްކާފައި ނުވާތީ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ދައުލަތަށް ލިބިދިނުމަށާއި އެ އުޅަނދު ދައުލަތަށް ނެގުމަށް ހުކުމްކޮށްދިނުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން ޕީއެސްއެސް ފަނެންޑޯގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ކުރެއްވި ހުކުމުގައި ވަނީ ދައުލަތުން އެ ފަރާތަށް ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ 700،000 ރުފިޔާއަކީ ޕީއެސްއެސް ފަނެންޑޯގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން 14 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ޕީއެސްއެސް ފަނެންޑޯއަށް އަންގާ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ގާނޫނާހިލާފަށް މަސްވެރިކަން ކުރުމުގައި ބޭނުންކޮށްފައިވާ އުޅަނދާއި އެ އުޅަނދުގެ ވަސީލަތްތަކާއި އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެއްމެހާ ތަކެތި، ފިޝަރީޒް މިނިސްޓްރީއަށް ނެގުމަށްވެސް އެ ހުކުމުގައި ވަނީ އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު