ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ހަސަން ޒަކަރިއްޔާ އައްޔަން ކުރެއްވީ، ގާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ހަސަން ޒަކަރިއްޔާއާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ލިޔުން ހަވާލުކުރެއްވުމުގެ ކުރިން ހަސަން ޒަކަރިއްޔާ ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއި ކުރައްވައިފައެވެ.

ޒަކަރިއްޔާ މީގެ ކުރިން ހުންނެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.