ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަވަރޭޖުގައި ބޭނުން ކުރުމަށް ޕޯޗުގަލް ކުންފުންޏަކާ ހަވާލުކޮށްގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހެދި ސޮފްޓްވެއާގެ ފައިސާ ދައްކަން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަވަރޭޖުގައި ބޭނުން ކުރުމަށް ޕީއެސްއެމަށް ސޮފްޓްވެއާއެއް ފޯރުކޮށްދިނުމަށް 27 އޯގަސްޓް 2018 ވި އެއްބަސްވުމަކާ އެއްގޮތަށް ޕީއެސްއެމުން ފައިސާ ދައްކާފައިނުވާ ކަަމަށް ބުނެ ޕޯޗްގަލްގެ ކުންފުންޏެއް ކަމަށްވާ "ވިސްޑަމް ވިސްޑަމް ޓެލެވިޒަމް- ސިސްޓެމަސް އިންފޯމަޓިކޮސް ޕެއާ ޓެލެވިޒޯ އެލްޑީއޭ" އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި ދައުވާގައި އެ ކުންފުނިން އެދިފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހި ނުދައްކައިވާ 36،250 ޔޫރޯ އާއި އެގްރީމެންޓްގައި ސޮއިކުރި ފަހުން ޕީއެސްއެމް އިން އެދިގެން އެ ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގު ކަމަށްވާ 3،500 ޔޫރޯ އާއެކު ޖުމުލަ 39،750 ޔޫރޯ ޕީއެސްއެމް މީޑިއާގެ ކިބައިން ނަގައި ދިނުމަށެވެ.
މި މައްސަލައިގެ ޖަވާބުގައި ޕީއެސްއެމް އިން ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަވަރޭޖުގައި ބޭނުންކުރުމަށް ސޮފްޓްވެއާ ޑެލިވާކޮށް އެ ސޮފްޓްވެއާ އޮޕަރޭޓް ކުރުމަށް ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޕޯޗުގަލް ކުންފުންޏަށް ދައްކަންޖެހޭ ޖުމުލައިގެ 50 ޕަސެންޓަށްވާ 36،250 ޔޫރޯ ދައްކާފައިވާ ކަމަށެވެ. އަދި ދައުވާގައި ހޯދުމަށް އެ ފަރާތުން އެދިފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެފައިވެއެވެ.
ޕީއެސްއެމް އިން ބުނީ، އެއްބަސްވުުގެ ދަށުން ޕޯޗުގަލް ކުުންފުނިން ޕީއެސްއެމް އަށް ސޮފްޓްވެއާ ވިއްކާފައި ނުވާ ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ނަތީޖާ ތައްޔާރުކޮށް އިއުލާންކުރުމަށް 24 ގަޑިއިރަށް ބޭނުން ކުރުމަށް ކުއްޔަށް ދީފައިވާ ސޮފްޓްވެއާއެއް ކަމަށެވެ. އަދި އެ ފެންވަރުގެ ސޮފްޓްވެއާއެއް މާކެޓުގައި ގަންނަން ލިބޭ ވަރަށްވުރެ ބޮޑު އަގުގައި، އޮޅުވާލުމެއްގެ ތެރެއިން ޕީއެސްއެމް އެއްބަސްވުމަށް ވައްދާފައިވާ ކަމަށާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަގުގެ އިތުރުން 3،500 ޔޫރީ ދިނުމަށް އެއްބަސްނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި ކޯޓުން ފާހަގަކޮށްފައި ވަނީ "އޮގްމެންޓެޑް ރިއަލިޓީ" ސޮފްޓްވެއާ ޕީއެސްއެމް އަށް ޑެލިވާކޮށް އޮޕަރޭޓް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޕޯޗްގަލް ކުންފުނިން ޕީއެސްއެމް އަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ އަގުގެ ގޮތުގައި އެއްބަސްވެފައިވާ ޖުމުލައަކީ 72،500 ޔޫރޯކަން އެއްބަސްވުމުން އެނގޭ ކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިންގާފައިވާ ގޮތަށް ބަލާއިރު ޕޯޗްގަލް ކުންފުނިން، ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ޕޯޗްގަލް ކުންފުނިން ދައުވާގައި ހޯދުމަށް އެދިފައިވާ 39،750 ޔޫރޯ އެ ކުންފުންޏަށް ދެއްކުމަށްޓަކައި އަންނަ މެއި މަހުގެ 14ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު