އީރާނުން އިޒްރޭލަށް ރޭގެ ދަންވަރުގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކަކީ ދުނިޔޭގެ ބައެއް ރިކޯޑުތައް މުގުރައިލި ހަމަލާތަކެކެވެ. މިއީ އެއްގައުމަކުން އަނެއް ގައުމަކާ ދެކޮޅަށް މިހާތަނަށް ދީފައިވާ އެންމެ ބޮޑު ޑްރޯން ހަމަލާތަކެވެ. މިހާ ގިނަ އަދަދެއްގެ ޑްރޯން މީގެކުރިން އެއްވެސް ގައުމަކުން އެއްފަހަރާ ބޭނުމެއް ނުކުރެއެވެ. ގަބޫލުކުރެވިފައިވާ ގޮތުން ތިންސަތޭކަޔާއި ފަސްސަތޭކަޔާ ދެމެދުގެ އަދަދެއްގެ ޑްރޯން އީރާނުން އުދުއްސައިލިއެވެ. އެކަމަކު މިއީ ހައްތާވެސް ދުވެލި މަޑު އަދި ޕޭލޯޑް ކެޕެސިޓީ ކުޑަ ޑްރޯންތަކެކެވެ. އީރާނުގެ ހަމަލާތަކަކީ ސިއްރިޔާތުގައި ކުއްލިއަކަށް ދިން ހަމަލާތަކެއް ނޫނެވެ. އީރާނުގެ ހާރިޖީވަޒީރު ހުސައިން އާމިރު އަބްދުލާހިޔާން ވިދާޅުވި ގޮތުން ހަމަލަތައް ފެށުމުގެ 72 ގަޑިއިރު ކުރިން މެދުއިރުމަތީގެ އެންމެހައި ގައުމުތަކާއި އެމެރިކާ އާއި އިޒްރޭލަށް މިކަން މިމަގުން ކުރާނެ ކަމުގެ މައުލޫމާތު އީރާނުން ވަނީ ދީފައެވެ. ހަމަލައިގެ ބާވަތާއި މިންވަރުވެސް ވާނީ އަންގައިފައެވެ.
ހަމަލަތައް ލޯންޗުކުރުމާއެކު އެކަން އެންމެ ފުރަތަމަ އިއުލާންކުރީވެސް އީރާނުންނެވެ. އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބާގިރީ ވިދާޅުވެފައިވަނީ އީރާނުގެ އޮޕަރޭޝަނުން ނެރެން ބޭނުންވި ހުރިހާ ނަތީޖާއެއް ފުރިހަމައަށް ހާސިލް ކުރެވުނު ކަމުގަައެވެ. އުންމީދު ކުރިވަރަށްވުރެވެސް ކަންކަން ދިޔައީ ރަނގަޅަށް ކަމުގައެވެ. އީރާނާ ދެކޮޅަށް އިޒްރޭލުން އާ ކަމެއް ނުކުރަންޏާ މިވަގުތު އިޒްރޭލަށް އިތުރު ހަމަލާއެއް ފޮނުވައިލުމުގެ ނިޔަތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މި އޮޕަރޭޝަނުގައި އިޒްރޭލުގެ މަދަނީ އަދި އިގުތިސޯދީ އަމާޒަކަށް އީރާނުން ހަމަލައެއް ނުދެއެވެ. ހަމަލަދީފައިވަނީ މުޅިންވެސް އަސްކަރީ އަދި ޖާސޫސީ ތަންތަނަށެވެ. ވަކިން ހާއްސަ ގޮތެއްގައި މައުންޓް ހާމަންގައި ހުންނަ ޖާސޫސީ މަރުކަޒާއި އިޒްރޭލުގެ ދެކުނުގައިވާ ނަވާތިމް ވައިގެ މަރުކަޒަށް ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ.
މި ދެތަނަކީ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ވައިގެ ހަމަލަދިނުމުގައި އިޒްރޭލުން ބޭނުންކޮށްފައިވާ ދެތަނެވެ. އެ ދެތަން ވަނީ ވަރަށް ބޮޑު މަރާމާތަށްފަހު ނޫނީ ދެން އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލެވިފައި ކަމަށްވެސް އީރާނުން ބުނެއެވެ. އީރާނުގެ އިންގިލާބީ ގާޑް ލަޝްކަރުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސާލިމީ ވިދާޅުވި ގޮތުގައި މި ހަމަލައިން އިޒްރޭލަށް ދޭން ބޭނުންވި އެންމެ ބޮޑު މެސެޖް ދެވިއްޖެއެވެ. މީގެފަހުން އީރާނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ އުދުވާނެއް ހިންގައިފިނަމަ އޭގެ ރައްދު ހަމަލަ ދޭނީ ސީދާ އީރާނުގެ ސަރަހައްދުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވެސް ވިދާޅުވެފައިވަނީ ހަމަ މިޒާތުގެ ވާހަކަފުޅެކެވެ. އިޒްރޭލާއި އިޒްރޭލަށް މަދަދުކުރާ ގައުމުތަކުން އީރާނާ ދެކޮޅަށް ކުރާ ކަންކަމުގެ ރައްދު ދެން ވަރަށް ހިތިވެފައި ވަރުގަދަވާނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ. މިހާރު ދެން ޝައްކުކުރަން ޖާގައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އީރާނުގެ ހަމަލަތައް ލޯންޗުކުރުމުގެ ކުރިން އީރާނާއި އެމެރިކާގެ މެދުގައި ވާހަކަތަކެއް ދެކެވުނު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެކަން ޔަގީން ވަނީ އެމެރިކާގެ ބަސްމަގާއި ރައީސް ޖޯ ބައިޑެންގެ ވިދާޅުވުންތައް ހުރިގޮތުންނެވެ. އީރާނުގެ އޮޕަރޭޝަނަކީ ހަމައެއް ލަމައެއްނެތި އާއްމުންނާއި އިގުތިސޯދީ ތަންތަނަށް އަމާޒުކުރެވޭ ހަމަލާތަކެއް ނޫން ކަމާއި މިއީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓިފައިވާ އޮޕަރޭޝަނެއްކަން އެމެރިކާއަށް އޮތީ އެނގިފަައެވެ. މި އޮޕަރޭޝަނަކީ އެޕްރީލް އެއްވަނަ ދުވަހު ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން އުދުވާނީ ހަމަލައިގެ ރައްދުގައި އީރާނަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށްވެސް އެމެރިކާއަށް އެނގެއެވެ. އެހެންވީމާ އެމެރިކާއިން ބެލީ އަދި ބާރު އެޅީ އިޒްރޭލުން ރައްދު އާ ހަމަލާއެއް ނުދީ މައިތިރި ކުރުމަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ސާފު ބަހުން ވަރަށް ގިނަ އެންގެވުންތަކެއް ވަނީ އަންގަވައިފައެވެ.
އެމެރިކާގެ ރަސްމީ މަސްދަރުތަކުން އެނގިފައިވާ ގޮތުން ބައިޑެން ވިދާޅުވިއެވެ. ކަލޭމެން ދިފާއުކޮށްދިނުމުގައި އަހަރެމެން ފުރިހަމައަށް ބައިވެރިވާނަމެވެ. އެގޮތުން އީރާނުގެ ގިނަ ޑްރޯންތަކާއި މިސައިލްތައް އަހަރެމެން ވައްޓައިދިނީމެވެ. އެކަމަކު ކަލޭމެން ދެން މީގެ ރައްދުގައި އީރާނަށް އާ ހަމަލާތަކެއް ދިނުމަށް އަހަރެމެން ތާއީދެއް ނުކުރަމެވެ. އެފަދަ ހަމަލާތަކެއް ދިނުމުގައި ބައިވެރިވުމެއްވެސް ނެތެވެ. ޖަވާބުގައި ނަތަންޔާހޫ ވިދާޅުވި ކަމަށް އެނގިފައިވެއެވެ. އާދޭހެވެ. މޭރުންވެއްޖެއެވެ. ނަތަންޔާހޫ މިހާރު ފެންނަނީ ތަންކޮޅެއް މައިތިރިކޮށެވެ. އެކަމަކު އޭނާގެ ކެބިނެޓްގެ ތެރެއިން ދެ މީހަކު އީރާނަށް ހަމަލަދީ ފިލާވަޅެއް ދިނުމަށް ގޮވާލައި ވަރަށް ގިނަ މެސެޖުތަކެއް މީސްމީޑިއާއަށް ދޫކުރަމުން އެބަގެންދެއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޒަޔަނިސްޓް ލޮބީގެ ދަލުގައި ޖެހިފައިވާ ބައެއް މެންބަރުންވެސް އީރާނަށް ހަމަލަދިނުމަށް ގޮވަމުން އެބަގެންދެއެވެ. އެމީހުންގެ ގޮވެލި މިގޮތަށް ހުއްޓަސް މިދަނޑިވަޅުގައި އީރާނަށް ހަމަލައެއް ދިނުމަކީ ކައިރިކަމެއް ކަމަށް ނުބެލެވެއެވެ.
މިހާރު އިވެމުންދާ އަޑުތަކާއި ފެންނަ މަންޒަރުތަކުން ގަބޫލުކުރެވޭ ގޮތުގައި އިޒްރޭލް ދެން މަސައްކަތް ކުރާނީ އިގުތިސޯދީ ގޮތުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅޭތޯއެވެ. ޖީހަތެއްގެ ގައުމުތައް މެދުވެރިކޮށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށެވެ. އދ. ގައި އީރާނާ ދެކޮޅަށް ގަރާރެއް ފާސްވުން ދުރެވެ. ޗައިނާ އާއި ރަޝިޔާއިން ވީޓޯ ކުރާނެތީއެވެ. އެކަމަކު ޖީހަތެއްގެ ގައުމުތަކުގެ އެހީތެރިކަން ހޯދައިގެން އީރާނާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އެޅުން ކައިރިއެވެ. މިކަމުން އީރާނަށް ލިބޭނެ ގެއްލުންތަކަކީ ބަހުސް ކުރެވިދާނޭ މައްސަލައެކެވެ. މިހާރުވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެތިބީ ނަން ހުސްކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެ ފިޔަވަޅުތަކުން އީރާނަށް ލިބޭ ނިކަމެތި ކަމެއް ނުފެނެއެވެ. އެއް ދުވަހުން އަނެއް ދުވަހަށް ފެންނަނީ އީރާނު ކުރިއަރަމުން ބާރުގަދަވަމުންދާ މަންޒަރެވެ. އީރާނަކީ އިގުތިސޯދީގޮތުން ހުޅަނގަށް ބަރޯސާ ކުރާ ގައުމަކަށް ނުވާތީއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް