ޓޫރިޒަމް މިނިސްޓްރީ އާއި ބިގް ސްޓޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކުރި އއ. މާގާ ވިއްކާލުމާ ގުޅިގެން އެ ރަށުގެ ކުއްޔާއި ޖޫރިމަނާއާއި ކޮންވާޝަން ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ޖުމުލަ 1.2 މިލިޔަން ޑޮލަރު ހޯދަން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދިވެހި ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައާއެކު ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.

ނެރެދިނުމަށް ދައުލަތުން އެދިފައިވާ ވަގުތީ އަމުރުގައި ވަނީ، މި މައްސަލައިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑައަޅަންދެން، މާގާ ވިއްކާލުމަށްފަހު ސާޕްލަސްގެ ގޮތުގައި ހަބީބު ބޭންކުގައި ހުރި 540،150 ޑޮލަރު ސިވިލް ކޯޓަށް ޖަމާކުރުމަށް ހަބީބު ބޭންކުގެ މައްޗަށް އަމުރުކޮށް، އެ ފައިސާ އެއްވެސްް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ހިފެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ.

ސަބަބެއް ކަމަށް ދައުލަތުން ބުނެފައި ވަނީ، ބިގް ސްޓޯންއަކީ އުވާލުމުގެ މަރުހަލާގައި މިހާރު އޮތް ކުންފުންޏެއްކަން އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާތީ، އެއީ ވިޔަފާރި ނުކުރާ ކުންފުންޏަކަށްވުމާއި މާގާ ފިޔަވައި އިތުރު އެސެޓެއް އެ ކުންފުނީގައި ނެތް އިރު، މާގާގެ ލީސްހޯލްޑް ރައިޓްސް ބަދަލު ކުރެވިފައިވާތީ އާއި ދައުލަތުން ހުށަހަޅާފައިވާ މައުލޫއީ މައްސަލައަކީ މާގާއަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާއާއި ކޮންވާޝަން ފީ ހޯދުމުގެ މައްސަލައަކަށްވާތީ ކަމަށެވެ.

މީގެ އިތުރުން މާގާ ވިއްކާލުމަށްފަހު ސާޕްލަސްގެ ގޮތުގައި ބޭންކުގައި ހުރި ޑޮލަރު ބިގް ސްޓޯންއަށް ދޫކޮށްފި ނަމަ މައުލޫއީ މައްސަލައިގައި ކުރާ ހުކުމް ތަންފީޒު ނުކުރެވޭ ފަދަ ހާލަތަކަށްގޮސްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މައުލޫއީ މައްސަލައިގެ ހުކުމް ތަންފީޒުގައި ބިގް ސްޓޯންގެ އިތުރު މުދަލެއް ނެތުމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބުމުގެ އިހުމާލު އޮތުމުން މާގާ ވިއްކާލުމަށްފަހު ސާޕްލަސްގެ ގޮތުގައި ހުރި ޑޮލަރު، މި މައްސަަލައިގެ މައުލޫއުގައި ވަކި ގޮތެއް ކަނޑައެޅުމާ ހަމައަށް ސިވިލް ކޯޓުގައި ހިފަހައްޓާފައި ބެހެއްޓުމަކީ ނުވަތަ ވަކި ފަރާތަކަށް ދޫނުކޮށް ބެހެއްޓުމަކީ މައުލޫއީ ދައުވާގެ ފަރުވާ ހިމާޔަތްކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ،"

މި ވަގުތީ އަމުރާމެދު އެއްވެސް އިއުތިރާޒެއް ނެތް ނަމަވެސް ރަހުނު ވިއްކާލުމުގެ މުއާމަލާތާ ގުޅިގެން ހަބީބު ބޭންކުގެ މައްޗަށް ތަންފީޒު ކުރެވޭނެ އެއްވެސް ގާނޫނީ ހައްގަކަށް އުނިކަން އަދި ހުރަހެއް ނާންނާނެހެން އަމުރު ނެރެދިނުމަށްވެސް ބިގް ސްޓޯނުން ވަނީ އެދިފައެވެ. ހަބީބު ބޭންކުންވެސް ވަނީ އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ބުނެފައެވެ.

އެ ވަގުތީ އަމުރުގެ މައްސަލަ ބެލުމަށްފަހު ކޯޓުން ބުނެފައިވަނީ މާގާ ވިއްކާލުމަށްފަހު ސާޕްލަސްގެ ގޮތުގައި ހަބީބު ބޭންކުގައި ހުރި ޑޮލަރު ތިން ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާކުރުމަށް ހަބީބު ބޭންކަށް އަންގައި އަމުރުކުރާ ކަމަށެވެ.

ހަބީބު ބޭންކަށް ނަގައި އެ ބޭންކުން މާގާ ވިއްކާލާފައި ވަނީ އެ ބިގް ސްޓޯންގެ ފަރާތުން އެ ބޭންކުް ނެގި ނޯލެއް ނުދެއްކިގެންނެވެ.