އަންނަ ސީޒަނުން ފެށިގެން ޓިކެޓްގެ އަގު ދެ ޕަސެންޓް ބޮޑުކުރަން ގަސްދުކޮށްފައިވާ ކަމަށް ލިވަޕޫލުން ބުނެފިއެވެ.

ޓިކެޓް އަގުބޮޑު ކުރާނެ ކަމަށް ނިންމާފައިވާ ނިންމުމާއެކު ލިވަޕޫލްގެ ލޯޔަލް ސަޕޯޓަރުންގެ ގްރޫޕްތަކުން މުޒާހަރާ ކުރަމުންދާ އިރު، އެންމެފަހުން އެޓްލާންޓާއާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި އެ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރުން ގްރޫޕް ކަމަށްވާ "ސްޕިއޮން ކޮޕް" އިން ވަނީ ދިދަ ބޭނުން ނުކޮށް، ޓީމުގެ މެނޭޖްމަންޓަށް ހާއްސަ މެސެޖެއް ދީފައެވެ.

އެ މެޗުގެ ކުރިން "ކޮޕް އެންޑް" ގައި މީގެ ކުރިން އެންމެ ފަހުން ދިދަ ބޭނުން ނުކޮށް، މުޒާހަރާއެއް ކުރީ 1906 ވަނަ އަހަރުއެވެ.

މުޒާހަރާއާ ގުޅިގެން ލިވަޕޫލްގެ ފަރާތުން ސަޕޯޓަރުންގެ ގްރޫޕްތަކާ ބައްދަލުކޮށް، މަޝްވަރާތައްވެސް ކޮށްފައިވެއެވެ. އެ މަޝްވަރާ ތަކަށްފަހު ކްލަބުން ބުނީ ސަޕޯޓަރުންނަށް ފަސޭހަވާނެ ގޮތްތަކެއް ހޯދާނެ ކަމަށާއި ނަމަވެސް ޓިކެޓް އަގު ބޮޑުކުރާނެ ކަމަށެވެ. އަދި މަޝްވަރާތަކުން ނިންމީ މި ވަގުތަށް ކްލަބުގެ މެމްބަޝިޕް ފީ ބޮޑުނުކުރަން ކަމަށްވެސް ލިވަޕޫލުން ބުނެފައިވެއެވެ.

ލިވަޕޫލް ސަޕޯޓަރުން ޓިކެޓް އަގާމެދު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި ލިވަޕޫލް ވަނީ އެޓްލާންޓާ ކައިރިން ބޮޑު ބައްޔެއް ވެފައެވެ. އެ މެޗަށްފަހު ކޯޗު ޔާގަން ކްލޮޕް ބުނީ ޓިކެޓް މައްސަލައިގައި ސަޕޯޓަރުންނަށް ލުޔެއް ލިބެނޭ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެ މައްސަލައަކީ އަވަސް ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.