ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީ އާއި ލާމުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް މުއިއްޒު، އައްޑޫ ސިޓީ އާއި ލާމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް، ލާމަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ މާވަށް، އިސްދޫ، ދަނބިދޫ، ފޮނަދޫ އަދި ގަމަށް ވަޑައިގެން އެރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ވަނީ އެއަތޮޅުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ކައްދޫގައި އޮންނަ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށާއި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހިމެނޭ ގޮތަށް ލ. ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމަށްޓަކައި ޗައިނާގެ ސީއޭއެމްސީއީ އިންޖިނިއަރިންއާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅަށްފަހު އިއްޔެ ވަނީ މަޖިލިސް ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި ރޭ ވަނީ އައްޑޫގެ އެކި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ބޮޑު ޖަލްސާއެއްވެސް ބާއްވައިފައެވެ.