(5 އޭޕްރީލްގެ އަދަދާ ގުޅޭ)

ޝައްކެއްނެތެވެ. ރަނގަޅަށް އިންތިޒާމުކުރެވި ހަމަތަކަކަށް ބޯލެންބިފައިނެތް މުޖްތަމަޢެއް ފުރިހަމަޔަށް ޤާނޫނާއި ގަވައިދުތަކަށް ތަބާކުރެވި އިންތިޒާމު ކުރެވިފައިވާ ދައުލަތަކަށް ހެއްދެވުމާއި އެ މުޖްތަމަޢުގެ މައްޗަށް އިލާހީ ޤާނޫނުގެ އިންސާފުވެރި ހަމަތައް ހިންގައިލެއްވުމަކީ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ވަރަށްބޮޑު އިންސާނީ ޚިދުމަތެކެވެ. ތަހްޒީބާއި ދީނީ އަގުތަކުގެ ބެލެނިވެރީންކަމުގައި ދަޢުވާކުރާ މީހުން އެމަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެށުނީއްސުރެ ގެންދިޔައީ އިންތިހާދަރަޖަޔަށް ހުރަސްއަޅަމުންނެވެ. ޙައްޤުގެ ނިޒާމުގެ މޫތައް ހަރުލިޔަނުދީ ބަލިކަށިކުރާން އެއުރެން ކުރަމުންގެންދިޔައީ މާފުނުކުރެވޭފަދަ މަސައްކަތްތަކެކެވެ.

މަދީނާގެ ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މުނާފިޤުންވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ގެކޮޅުގައި "އަލިފާން ރޯކުރާން" ވެސް ނުހަނު ބޮޑަށް މަސައްކަތް ކޮށްފައެވެ. މަޤްޞަދަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢާއިލީ އަރައިރުންގަނޑެއްގައި ހައްޔަރުކޮށްލުމެވެ. އިތުރު ސާހިބާގެ ޚާއްޞަ އެކުވެރި ވާގިވެރީންނާ އެމާތް ސާހިބާއާ ދެމެދުގެ އެކުވެރިކަން ކިލަނބުކޮށްލައި ދެކޮޅުވެރިކަމާއި އަރައިރުން އުފެއްދުމެވެ. ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ އެމަސައްކަތް ކަމުފޮޅިނަމަ އެކަންވީހީ އިސްލާމީ ދައުލަތަށްއެރި ވަރަށްބޮޑު ލޮޅުމެއްކަމުގައެވެ. އިސްލާމީ ދައުލަތުގެ ޅަފަތުގައި އެދައުލަތަށް ކުރިމަތިވި ވަރަށް ނުސިޔާނު މައްސަލައެއް ކަމުގައެވެ.

މަދީނާގެ ޢާންމު އަންހެނުންވެސް ކައުސާހިބާގެ ގެކޮޅުތަކަށް އެއްވެސް މަނާކުރެވުމެއްނެތި އައިސްގޮސް އުޅުނެވެ. އިތުރު ސާހިބާގެ މުހިންމަތުގެ ދެބައިކުޅަ އެއްބައިކަމުގައިވާ އަންހެނުންނަށް ދީން ދަސްކޮށްދެއްވައި، އިސްލާމީ ތަރުބިޔަތާއި އަޚްލާޤިއްޔާތު ޢާންމުކުރެއްވުމުގެ މަސައްކަތްޕުޅު ޚާއްޞަ ގޮތެއްގައި ހިންގަވަމުން ގެންދެވީ أمّـهــات المــؤمـنـيــــن ން މެދުވެރިކުރައްވައިގެންނެވެ. މިގޮތުން އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންގެ އަރިހަށް އައިސްގޮސްއުޅޭ އަންހެނުންނަށް އެގެކޮޅުތަކުގައި ޢާންމުވެފައި އޮންނަ ފަޤީރުފުޅުކަމާއި ހައިހޫނުފުޅުކަންވެސް ވަންހަނާވެފައެއް ނޯވެއެވެ. އެހެންކަމުން، އެ އަންހެނުންތައް އެއުރެންގެ އަންހެންވަންތަ ނަފްސިއްޔާތާ އެއްގޮތަށް އެވާހަކަތައް ރަށުތެރޭގައި ޢާންމުކުރެއެވެ. އެގޮތުން ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މުނާފިޤުންނަށް އެ ޚަބަރުތައް ލިބެމުން ދިޔައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަނބިއަނބިކަނބަލުންނަކީ ޢަރަބީންގެ ބޮޑެތިބޮޑެތި ތަނަވަސް ޢާއިލާތަކުގެ ލޯފުޅުތަކުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ބޭބޭކަނބަލުންނެވެ. އެބޭކަނބަލުން ނިޢުމަތާއި އަރާމާއި، ފަސޭހައާއި ތަނަވަސްކަން ދެކެވަޑައިގެންފައިވަނީ އެހެނިހެން މުސްލިމު އަންހެނުންނަށްވުރެ ވަކީން ކުޑަކޮށެއް ނޫނެވެ. ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ގަނޑުވަރަށް ވަޑައިގެންނެވުމަށްފަހު އެބޭކަނބަލުންވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚިޔާރު ކުރައްވައިފައިވާ މަޢީޝީ މިންގަނޑު ހިތްޕުޅުގެ އަޑީން ޤަބޫލު ކުރައްވައިފައެވެ. އިތުރު ސާހިބާ ޚިޔާރު ކުރައްވައިފައިވާ ދިރިއުޅުއްވުމުގެ ފެންވަރުގައި މަޖަލާއި، ފަސޭހައާއި، ތަނަވަސްކަމާއި ތިޔާގިކަމަކަށް ކުޑަވެސް ޖާގައެއް ނެތްކަން އެބޭކަނބަލުން ދެނެވަޑައިގަންނަވައެވެ. އެބޭކަނބަލުންވެސް ތިއްބެވީ އެކަމާ ހިތްޕުޅުގެ އަޑީން ރުހިވަޑައިގެންނެވެ. ޤަބޫލު ކުރައްވައިގެންނެވެ. ކަން މިހެން ހުރުމާއެކުވެސް، އިންސާނުންނަކީ ހަމަ އިންސާނުންނެވެ. އެހެންކަމުން، އެބޭކަނބަލުންގެ އީމާންކަމުގެ މަތިވެރިކަމާއި، ޚުލުޤުފުޅުގެ މާތްކަމާއި، މިސްކީނުކަމާއި ފަޤީރުކަން ހިތްޕުޅުގެ އަޑީން ޤަބޫލުކުރެއްވުމާއި، އެއްބައިވަންތަކަމާއެކުވެސް ބަޔެއްފަހަރަށް އެބޭކަނބަލުންގެ ހިތްޕުޅުތަކުގައިވެސް ހަހުރައިގެ ލުއިލުއި އަސަރުތައްވެސް އުފެދުނެވެ. ޢާންމުކޮށް މުސްލިމުންނަށް ލިބެމުންދިޔަ ތިޔާގިކަމާއި ތަނަވަސްކަމާމެދުވެސް ހިތްޕުޅުތަކުގައި ޝައުޤުވެރިކަން އުފެދުނު ފަހަރުފަހަރުވެސް ދިޔައެވެ.

ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މުނާފިޤުންނަށް އެކަން އެނގުމުން، އެބައިމީހުން މަދީނާގެ ބަޔެއް އަންހެނުން ހަތިޔާރަކަށް ހަދައިގެން އިތުރު ސާހިބާގެ ޢާއިލީ ޙަޔާތްޕުޅުގައި ހުޅުޖަހަން މަސައްކަތް ކުރިއެވެ. އެ މަސައްކަތް ހިންގި އެއް އެޖެންޓަކީ أمّ جـلـدح އެވެ ކިޔުނު އަންހެނެކެވެ. އެފަދަ އެޖެންޓުންގެ މަސައްކަތްތައް ގިނަފަހަރަށް ކަމުފޮޅާގޮތެއް ނުވެއެވެ. މާތް اللّــــه ގެ މަދަދާއި، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޝަޚްޞިއްޔަތުގެ މަތިވެރިކަމާއި، ޞަޙާބީންގެ އެއްބާރުލެއްވުމާއި ދަރަޖަ މަތިވެރި أمّـهــات ންގެ މާތް މިޒާޖުފުޅުގެ ސަބަބުންނެވެ. އެ ފިތުނަތައް އޮމާންކަމާއެކު އައީ ޙައްލުވަމުންނެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް މައްސަލައަކީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހުރިހާ އަނބިއަނބިކަނބަލުން ބައިވެރިވެވަޑައިގެން ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި މުޒާހަރާއެވެ.

ޔަހޫދީންނާއި ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ އެޖެންޓުން މަދީނާއަށް އައިސްފައިވާ ތަނަވަސްކަމުގެ ވާހަކައާއި أمّـهــات ންގެ ދަތިހާލުކޮޅުގެ ވާހަކަ އެބޭކަނބަލުންގެ އަރިހުގައި ތަކުރާރުކޮށް ދަންނަވައި، އެބޭކަނބަލުންގެ ހިތްޕުޅުގައި ނަފަޤާތް އިތުރުކުރެއްވުމުގެ އެދުންފުޅު އުފެއްދިއެވެ. ނަތީޖާއެއްގެގޮތުން އެބޭކަނބަލުން އެކަމަށް އެދިވަޑައިގެން އިތުރު ސާހިބާއަށް އެކަން ލާޒިމުކުރައްވަން މަސައްކަތްޕުޅު ކުރެއްވިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމާ ހިތްޕުޅާ ހަމަނުކުރައްވައި އެއްމަސްދުވަސްވަންދެން އެއްވެސް އަނބިކަނބަލެއްގެ ގަނޑުވަރަށް ވަޑައިނުގަންނަވަން ކަނޑައެޅުއްވިއެވެ. އިތުރު ސާހިބާ އެދުވަސްވަރު އުޅުއްވީ أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا ގެ ކޮޓަރިކޮޅާ ދިމާއިން މަތީގައި ހައްދަވައިފައިވާ ބާލުޚާނާއެއްގައެވެ. މި ޙާދިޘާ ހިނގިއިރު، އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންގެ ގޮތުގައި ތިއްބެވީ، السّــيّــدة ســودة بنت زمـعـــــة رضــــى الـلّــه عــنـــهـــا އާއި، السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا އާއި، السّــيّــدة حـفـصـــة رضــــى الـلّــه عــنـــهـــا އާއި، السّــيّــدة أمّ سـلـمــة رضــــى الـلّــه عــنـــهـــا އެވެ. (ތަފްހީމުލްޤުރްއާން، ޖިލްދު: 4، ޞަފްޙާ: 85)

ޞަޙީޙު މުސްލިމުގައި جـــابــــــر بـــن عـبــد اللّــــه رضـــــى اللّــــه عــنــــه ގެ އަރިހުން ރިވާވެފައިވެއެވެ. أبـــوبــكـــر الصّــدّيـــق رضــــى اللّــــه عــنـــــه އާއި، عــمـــــر بـــن الخـطّــاب رضـــى اللّــــه عــنـــــه އެއްދުވަހަކު، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެންނެވިއިރު، އިތުރު ސާހިބާގެ ހަތަރު އަނބިކަނބަލުން އެމާތް ސާހިބާ ވަށައިލައްވައި ވަށްކޮށްލައްވައިގެން ތިއްބެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހަނުހިމޭނުން އިންނެވިއެވެ. أبـــوبــكـــر ގެފާނާއި عــمـــــر ގެފާނާ ދެބޭކަލުން ވަޑައިގެންނެވުމުން، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــمـــــر ގެފާނާ މުޚާޠަބުކުރައްވައި ޙަދީސު ކުރެއްވިއެވެ.

"ތިޔަ ދެކެވަޑައިގަންނަވާ ފަދައިން، މިބޭކަނބަލުން މިތިއްބެވީ އަހުރެން ވަށައިލައްވައިގެންނެވެ. ނަފަޤާތް އިތުރުކުރުވާން އެދިވަޑައިގަންނަވަނީއެވެ."

أبـــوبــكـــر ގެފާނާއި عــمـــــر ގެފާނާ ދެބޭކަލުން އެ ދެބޭކަލުންގެ ދެދަރިކަނބަލުންނަށް ނުހަނު ވަރުގަދަޔަށް އެކަން މަނާކުރެއްވިއެވެ. ވަރަށް ހިތްޕުޅާ ހަމަނުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ނަސޭހަތްދެއްވައި، ވިސްނައިދެއްވިއެވެ. ކޯފާއިސްކުރައްވައި އަޑުލެއްވެވިއެވެ. އިސްލާމާއި ކުފުރާ ދެމެދު ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުންތަކަށް، އިސްލާމީ ދައުލަތާއި މުސްލިމު ސިފައިން ތައްޔާރުކުރައްވާނެ މާލީ ވަސީލަތްތަކަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުގައި ނެތް އެއްޗެއް ހޯއްދަވާން ކުރައްވާ މަސައްކަތްޕުޅު ވަގުތުން ހުއްޓައިލައްވަން އަމުރުކުރެއްވިއެވެ.

އަނެއްކޮޅުން ކީރިތި ޤުރްއާނުގައިވެސް ވަނީ އެބޭކަނބަލުންނަށް ވަރުގަދަ ޗެލެންޖެއް ބާވައިލައްވައިފައެވެ. ތަޚްޔީރުގެ އާޔަތް ބާވައިލެއްވީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްމަސް ދުވަސްވަންދެން އެއްވެސް އަނބިކަނބަލެއްގެ އަރިހަށް ވަޑައިނުގަންނަވަން ކަނޑައެޅުއްވިތާ މަސްދުވަސް ހަމަވާން ކައިރިވެފައިވަނިކޮށެވެ. އެ އާޔަތުގައި أمّـهــات المــؤمـنـيــــن އަށް ވަނީ ދެގޮތަކުންކުރެ އެއްގޮތެއް ޚިޔާރު ކުރެއްވުމުގެ އިޚްތިޔާރު ދެއްވައިފައެވެ. ކައުސާހިބާގެ ޞުޙްބަތާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. ނުވަތަ ދުނިޔޭގެ ޒީނަތްތެރިކަމެވެ. އެ ދެކަމުންކުރެ އެއްކަމެކެވެ. ســورة الأحـــــزاب ގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވަނީ، މިދަންނަވާ ގޮތަށެވެ.

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް މުތުޢާ ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާހުށީމެވެ. އަދި ތިޔަކަނބަލުން اللّــــه އާއި އެކަލާނގެ ރަސޫލާއާއި އާޚިރަތުގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، اللّــــه ތިޔަކަނބަލުންކުރެ އިޙްސާންތެރީންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރައްވައިފައިވެއެވެ." (ســورة الأحـــــزاب: 29، 28)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މި ދެ އާޔަތް ބާވައިލެއްވުމުން އެންމެފުރަތަމަ އެ ޚަބަރު ދެއްވީ، أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا އަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم أمّ المــؤمــنـــيـــن ގެ އަރިހަށް ވަޑައިގެންނެވުމުން، އެކަމަނާ ވިދާޅުވިއެވެ. އޭ މާތް اللّــــه ގެ ރަސޫލާއެވެ. މިއަދަކީ އޮނަތިރީސްވަނަ ދުވަހެވެ. އިތުރު ސާހިބާ ޙަދީސު ކުރެއްވިއެވެ. ބަޔެއް މައްސަރުތަކަކީ އޮނަތިރީސް ދުވަހުގެ މަސްމަހެވެ. މިހެން ޙަދީސު ކުރެއްވުމަށްފަހު، ކީރިތި ޤުރްއާނުގެ އިސްވެދިޔަ ދެ އާޔަތް ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. މާބޮޑަށް އަވަސްވެވަޑައިނުގެން، ކަމަނާގެ ބެލެނިވެރީންނާވެސް މަޝްވަރާ ކުރެއްވުމަށްފަހު ޖަވާބެއް ދެއްވާށެވެ. أمّ المــؤمــنـــيـــن ވިދާޅުވިއެވެ. މިކަމުގައި ވިސްނައި، މަޝްވަރާކުރާނެ ޖާގައެއް ނެތެވެ. އަޅުގަނޑު ޚިޔާރުކުރަނީ މާތް اللّــــه އާއި އެކަލާނގެ ރަސޫލާއެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضــــى الـلّــه عــنـــهـــا އަކީ އެކަމަނާގެ ތޫނު ވިސްނުންފުޅާއި މުޖްތަމަޢުގައި ހިމެނިވަޑައިގަންނަވާ ހައިސިއްޔަތާއި ފުރިހަމަ ޝަޚްޞިއްޔަތުގެ ސަބަބުން، ހުރިހާ ކަމެއްގައިވެސް އެކަމަނާއަކީ أمّـهــات ންގެ ޒަޢީމާއެވެ. އެހެންކަމުން، އެކަމަނާ އެގޮތަށް ނިންމެވުމުން އެހެނިހެން أمّـهــات ންވެސް އެގޮތަށް ޢަމަލުކުރެއްވިއެވެ. އެބޭކަނބަލުންގެ ހުށަހެޅުއްވުން ހިތްޕުޅުގެ އަޑީން އަނބުރާ ގެންދަވައިފިއެވެ. އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމަށް އަލުން އުފާފާގަތިކަން އަތުވެއްޖެއެވެ.

(ނުނިމޭ)