ލިވަޕޫލާއެކު އަދި އެއްބަސްވުމެއް ވެފައި ނެތް ކަމަށް ރުބެން އަމޯރިމް ބުނެފިއެވެ.
ޔާގަން ކްލޮޕް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމުން، އެޓީމުގެ ކޯޗުކަމުގެ މަގާމަށް ދެން ގެންނާނީ މިހާރު ސްޕޯޓިން ލިސްބަންގެ ކޯޗު ކަމުގައި ހުރި އަމޯރިމް ކަމަށް ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ލިވަޕޫލަށް 30 އަހަރަށްފަހު ލީގު ތަށްޓެއް ހޯދައިދީ، އެ ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ކްލޮޕް، ކްލަބުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް އިއުލާނު ކުރީ މި ސީޒަނުގެ ތެރެއިންނެވެ. ލިވަޕޫލާ އެކު 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ކޯޗު، ކްލޮޕް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާނު ކުރުންވެފައި އޮތީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ.
ލިވަޕޫލުން މިހާރު އާ ކޯޗަކަށް މަސައްކަތް ކުރަމުންދާ އިރު، އެ ކްލަބުން އެންމެ ގާތުން ބަލަމުންދާ އެއް ކޯޗަކީ އަމޯރިމް ކަމަށް ގިނަ މީޑިއަތަކަކުން ވަނީ ބުނެފައެވެ. އެވާހަކަތައް ދެއްކި ނަމަވެސް، އޭނާ ބުނީ އަދި އެއްވެސް އިތުރު ކްލަބަކާއެކު މަޝްވަރާ ނުކުރާ ކަމަށާއި އެއްބަސްވުމެއްވެސް ވެފައި ނޯންނާނެ ކަމަށެވެ.
"އެއްވެސް އިތުރު ކްލަބަކާ އެކު އަދި ވާހަކައެއްވެސް ނުދައްކަން. އަދި އެއްވެސް ކްލަބަކާ އެކު ޕްރި އެގްރީމެންޓެއްވެސް ނަހަދަން. އަދި މިވަގުތަށް ފޯކަސް ހުރީ ސްޕޯޓިންނަށް. ސްޕޯޓިންއާ އެކު ލީގު ހޯދަން މިވަގުތު ފޯކަސް ހުރީ،" އަމޯރިމް ބުންޏެވެ.
އަމޯރިމް އަކީ ސްޕޯޓިންގައި ކާމިޔާބު ކޯޗެކެވެ. 19 އަހަރަށްފަހު ސްޕޯޓިންނަށް ޕޯޗުގީޒު ލީގު ހޯދައިދީފައެވެ. އެއީ އޭނާގެ އުމުރުން އެންމެ 36 އަހަރުގައެވެ. 2021 ވަނަ އަހަރުއެވެ. އެއީ އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެވެ. އެ ހިސާބުން ފެށިގެން ޒުވާން ކޯޗު އަމޯރިމްގެ ނަން ޔޫރަޕްގައި އާންމުވެފައިވާ އިރު، ބައެއް ބޮޑެތި ކްލަބުތަކުން އޭނާއަށް ފާރަލާފައިވެއެވެ.
ކުރިން ބެންފިކާ އާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅެ، 2018 ވަނަ އަހަރު ރިޓަޔާކު ރި އަމޯރިމް ވަނީ މި ސީޒަނުގައިވެސް މިހާތަނަށް ސްޕޯޓިން ކުޅުނު 13 މެޗުން 10 މެޗު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް