ތައިލަންޑްގައި މިހާރު ކުރިއަށްދާ އެރީނާ ތައިލަންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 މުހައްމަދު ރިހާން ޝިހާމް، ގައުމީ ރެކޯޑެއް އާކޮށް، އިތުރު ރެކޯޑެއް އާކޮށްފިއެވެ.

ރިހާން މިފަހަރު ރެކޯޑު މުގުރާލައިފައި ވަނީ ފިރިހެނުންގެ ލޯންގްކޯސް 800 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ. ރިހާން އެ އިވެންޓްގެ ރެކޯޑު އާކޮށްފައި ވަނީ ނުވަ މިނެޓް، 26.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހާން މުގުރާލާފައި ވަނީ މުބާލް އައްޒާމް އިބްރާހީމްގެ ރެކޯޑެވެ. މުބާލް އާކޮށްފައި ވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެފަހަރު މުބާލްގެ ރޭސް ނިންމީ 10 މިނެޓް، 12.07 ސިކުންތުންނެވެ.

ރިހާން އާކުރި ރެކޯޑަކީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ. ރިހާން އޭނާގެ އަމިއްލަ ރެކޯޑު އާކޮށްފައި ވަނީ ދެ މިނެޓް، 4.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ދުވިސައްތަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ކުރިން ރިހާން އަތުގައި އޮތީ މިއަހަރުގެ ފެބްރުވަރީ މަހު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެއީ ދެމިނެޓް، 5.91 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާންއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ފެތުންތެރިޔާއެވެ. އޭނާ އަތުގައި މިވަގުތުވެސް ގިނަ ގައުމީ ރެކޯޑުތަކެއް އެބައޮތެވެ.