އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއިން ބުނެފިއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބަހައްޓަން ނިންމާފައިވާ އައިސްޕްލާންޓް ތަކެކެވެ.

މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމް ކުރަން ހަމަޖެހިފައި ވަނީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. ބަނޑިދޫ، ދ. މީދޫ އަދި ގދ. ރަތަފަންދޫގައި ކަމަށެވެ.

މީގެތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރަން ނިންމާފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމްކޮށްފައިވާ ބައެއް އައިސް ޕްލާންޓުތަކުން ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުންޏެވެ.