ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތަކުގެ އަސަރު ސީދާ ޓީމަށް ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލުން، އެޓްލާންޓާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނެއެވެ. އެ މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ލިވަޕޫލްގެ ލޯޔަލް ސަޕޯޓަރުންގެ ގްރޫޕްތަކުން ކުރަމުންދާ މުޒާހަރާގެ ވާހަކައެވެ. ލިވަޕޫލްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދަނީ އެ ކްލަބުން ޓިކެޓް އަގު ބޮޑުކުރުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމަށެވެ. ލިވަޕޫލުން ނިންމާފައި ވަނީ އަންނަ ސީޒަނުގައި ޓިކެޓްގެ އަގު ދެ ޕަސްޓް ބޮޑުކުރުމަށެވެ.

ލިވަޕޫލުން މިރޭ ކުޅޭ މެޗުގައި އެ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރުން ގްރޫޕް ކަމަށްވާ "ސްޕިއޮން ކޮޕް" އިން ދިދަ ބޭނުން ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. "ކޮޕް އެންޑް" ގައި މީގެ ކުރިން އެންމެ ފަހުން ދިދަ ބޭނުން ނުކޮށް، މުޒާހަރާއެއް ކުރީ 1906 ވަނަ އަހަރުއެވެ.

"ސަޕޯޓަރުން ދަނޑުގައި ތިބުން އެއީ އެންމެ މުހިއްމު ކަންތައް. މިހާރު ސަޕޯޓަރުން ކަންބޮޑުވެގެން އުޅޭ މައްސަލަ އަހަންނަށްވެސް ގަބޫލުކުރެވޭ. އަހަރެމެންވެސް ބޭނުން ވަނީ ހުރިހާ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ އުސޫލުތަކެއް އޮތުން. ކްލަބުން ސަޕޯޓަރުންނަށް ހައްލު ހޯދައިދޭނެކަން ޔަގީން،" ކްލޮޕް ބުންޏެވެ.

ކްލޮޕް އިތުރަށް ބުނީ އޭނާ ބޭނުން ވަނީ ސަޕޯޓަރުންގެ ނުރުހުން، ސީދާ ޓީމަށް ނުބޭއްވުމަށް ކަމަށާއި މެޗުގެ ފުރަތަމަ ކަށިގަނޑުން، ފަހު ކަށިގަނޑާ ހަމައަށް ބޭނުން ވަނީ ލިވަޕޫލް ރޫހުގައި ޓީމަށް ސަޕޯޓް ކުރަން ކަމަށެވެ.

އަންނަ ސީޒަނުގައި ބައެއް ކްލަބުތަކުން ޓިކެޓް އަގުބޮޑު ކުރަން ވިސްނަމުންދާ އިރު، އެކަމާ އެ ކްލަބުތަކުގެ ސަޕޯޓަރުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.