ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ، ޑޮލަރުގެ އަގު، ދެ އަހަރު ދުވަހުގެ ތެރޭގައި ބޭންކު ރޭޓަށް ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުަހއްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުތަކުގެ ތެރެއިން އެ އަތޮޅު މާވަށަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި އެ ދާއިރާގެ ކުރީގެ މެންބަރު ސައީދު ވަނީ ޑޮލަރުގެ އަގު ދަށްކުރަން ނިންމާފައިވާ ސަރުކާރުގެ ސިޔާސަތާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ.
ސައީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 ޕަސެންޓް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އެކަމަށްޓަކައި ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ޗައިނާ އާއި އިންޑިއާއިން ރާއްޖެ ގެންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރުނަރު ރާއްޖެ އައުމަށް ވަނީ ދައުވަތު ދީފައި. އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި. އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމުގައިވިއަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ. ހަމައެގޮތަށް އިންޑިއާއިން ގެންނަ އެއްޗެހިވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން."
ނަތީޖާއަކަށް ވެގެންދާނީ ޑޮލަރުގެ ރޭޓް 15.42 އަކަށްވުރެ ވެސް ދަށަށް ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ދުނިޔޭގެ މަޝްހޫރު ހުރިހާ އީ ވޮލެޓެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭން ފެންނާނެ ކަމަށެވެ. ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އަލި ޕޭ އާއި ވީ ޗެޓްގެ އިސް ބޭފުޅުން ރަސްމީ ވާހަކަތައް ބާއްވަން މިމަހު 14 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު