ލ. މާވަށުގައި 30 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހުރިހާ ކަމެއްވެސް މި ސަރުކާރުން ކުރިއަށް ގެންދަނީ ފައިސާ ޗާޕް ނުކޮށް ކަމަށާއި މާވަށުގެ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމަށް ރަށްރަށުގައި ބިން ނެތް ކަމަށެވެ. އަދި މާވަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބިން ނެތް ކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ބޮޑެތި ބިން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް އޮތީ ކުރިން 15 ވަރަކަށް ހެކްޓަރުގެ މަޝްރޫއެއް. އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުންވެސް ބޭނުންވަނީ އެވަރެއް ނޫން. އެހެންވީމަ އެއަށްވުރެ އިތުރުކުރަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 15 ހެކްޓަރެއް ނޫނޭ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 30 ހެކްޓަރު ހިއްކަން ނިންމީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ބިން ހިއްކައި ނިމުމުން، އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަންޑުވޯލް ޖެހުމުގެ މަސައްކަތް އަވަހަށް ފަށައި 30 ހެކްޓަރުގެ ބިން މާވަށުން ހިއްކައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން މާވަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.