އެމްޑީޕީ ވެރިކަން ނިމިގެން ދިޔައިރު، އެބޭފުޅުން މުޅި ނިޒާމު ޑިޒައިންކޮށްފައި އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން 90 ދުވަސް ތެރޭގައި ބަނގުރޫޓު ވާގޮތަށް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުތަކުގެ ތެރެއިން އެ އަތޮޅު މާވަށަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ މުއްދަތުގައި ރިސްކު ނަންގަވައިގެން ރައީސް މުއިއްޒު، ރާއްޖެ ބަންގުރޫޓުވާން ފުރުސަތު ނުދެއްވީ ކަމަށެވެ.

"ބޭނުމަކީ ކުރީގެ ބައެއް ރައީސުންނާއެކު އާ ސަރުކާރެއް ފޯމް ކުރުން، އޭތި ވޯކް ނުކުރީ ރާއްޖެ ބަންގުރޫޓުވާން ރައީސް ފުރުސަތު ނުދެއްވީ، މެކްސިމަމް ރިސްކެއް ނަންގަވައިފައި،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެރިސްކަކީ އެހާލަތުގައިވެސް ފައިސާ ޗާޕް ނުކުރުން ކަމަށާއި ފައިސާ ޗާޕްކުރުން ހުއްޓައިލުން ކަމަށެވެ. އެކަމާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ރައީސް މުއިއްޒާ ބައްދަލު ކުރައްވައި ތައުރީފް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބަށް ތިން މަސް އޮތް އިރު، ފައިސާ ޗާޕްކުރުން ހުއްޓައިލުމަކީ މިފަދަ ހާލެއްގައި އޮތް އެއްވެސް ގައުމެއްގެ ރައީސަކު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ ބޭފުޅުން ރައީސަށް ތައުރީފް ކުރެއްވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ކުރީގެ ވެރިންނަށް އަޅުގަނޑު ދަންނަވާލަން 35 މިލިޔަން ޑޮލަރު އެބަ ހުރި މިއަދު އެސްޑީއެފްގައި، ބައި ޑީޒައިން ރާއްޖެ ދަރުވާލަން މަސައްކަތް ކުރި މީހުންނަށް އަޅުގަނޑު މި ދަންނަވަނީ، ރާއްޖެ ދެރުވީމަ ރާއްޖޭގައި އިސްތިއުމަރީ ވަކި ހިއްޕާލެވޭނީ،" ސައީދު ވިދާޅުވިއެވެ.

ވެރިކަންކުރާ ޕީއެންސީއަށް މާވަށު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކޮށްދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، މި ފަސް އަހަރު އެ ދާއިރާގެ ގޮނޑި ރައީސް މުއިއްޒަށް އެރުވުމަކީ ފަސޭހަކަމާ އެކު ނަތީޖާ ނެރޭނެ ކަމެއް ކަމަށެވެ.

"އޭގެ ބަދަލުގައި އެ ގޮނޑި ވާދަވެރި ފަރާތާ ހަވާލުކޮށްފި ނަމަ ވާގޮތަކީ އެބޭފުޅުންގެ އެބަ އޮވޭ ޖުމްލަ ޕާޓީއެއްގެ ގޮތުގައި ކަން ކުރާނެ ވިޕްލައިނެއް. އެހެންކަމުން އެ މެންބަރު ކިތަންމެ ކަންކުރަން ބޭނުންވިޔަސް އެކަމެއް ނުވާނެ ވިޕްލައިނާ ހިލާފަށް،" ސައީދު ވިދާޅުވިއެވެ.