ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ރޭ ބާއްވަން އުޅުނު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާއަށް ހުރަސް އެޅުމުގައި ފުލުހުން މަސައްކަތްކުރި ގޮތާއި ބާރުގެ ބޭނުން ކުރުމާއި އެސްއޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ޕޮލިސް ކަމިޝަނަރު އަލީ ޝުޖާއުއަށް އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފައްދާ ޖަލްސާގެ ތައްޔާރީތައްވެ، ޖަލްސާ ބާއްވަން ނިންމާފައިވާ ގިޔާސުއްދީން ސްކޫލަށް މީހުންވެސް އައި ފަހުން ފުލުހުން ނުކުމެ ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ. އަދި އެ ވަގުތު އެ ތަނުގައި ތިބި ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފައެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅި ސަބަބެއް ކަމުގައި ފުލުހުން ބުނެފައިވަނީ، އެ ޖަލްސާ ބާއްވަން އުޅުނީ ހުއްދަ ހޯދައިގެން ނޫން ކަމަށެވެ. އަދި ފުލުހުން އެ ޖަލްސާ ހުއްޓުވީ، އެ ސްކޫލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު‬⁩ ވަނީ ސުލްހަވެރި އެއްވުންތަކާއި ރައްޔިތުން ކުރާ އިހުތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާ ގުޅޭ ކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާ އިރު، ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގަވާފައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެސްއޯ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.

"ރޭ ގިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުންކުރުމާއި "އެސް އޯ" ފުލުހުން ބޭނުންކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑު ވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި." އިހުސާން ވިދާޅުވިއެވެ.

ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ރޭ ވަރަށް ދަންވެފައިވަނިކޮށް ބާއްވާފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމު ސަރަހައްދުގައި ވަރަށް އާދައިގެ ގޮތަކަށެވެ.