ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް ހުރަސް ނާޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް)ގެ ފުރަތަމަ ޖަލްސާ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުމުން ފުލުހުން ވަނީ ސްކޫލުގެ ގޭޓު ބަންދުކޮށް، ޖަލްސާއަށް ހުރަސްއަޅައިފައެވެ. ފުލުހުން ބުނި ގޮތުގައި އެ ޖަލްސާ ހުއްޓުވީ ހުއްދަ ނުނަގާ ބާއްވަން އުޅުމުންނެވެ.

އެހެންވެ ޕީޢެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. ރާޅުގަނޑު ސަރަހައްދުގައި ޖަލްސާ ފެށުމުގެ ކަންކަން ކުރިއަށްދަނިކޮށް ސަރުކާރުން ވަނީ ސޯޝަލް ސެންޓަރުގައި އެ ޖަލްސާ ބޭއްވޭނެކަން އެ ޕާޓީއަށް އަންގައިފައެވެ.

ނަމަވެސް ޖަލްސާއަށް ހުރަސް އެޅުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރުން ސިޔާސީ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދޭނެ ކަމަށެވެ.

"އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން އުޒުރުވެރިވެފައިވާތީ، އެ ސްކޫލުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައި" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީ އާއި އާ އަހަރަށްފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށެވެ.

"ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައި ދީފައި" ރައީސް އޮފީހުން ބުންޏެވެ،

ރައީސް އޮފީހުން އިތުރަށް ބުނީ، ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށާއި ސަރުކާރުން އަބަދުވެސް ކުރިއަށްދާނީ ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީގެން، ގައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށެވެ.