ރައްޔިތުންގެ މަޖިލީހުން ހަމަނުޖެހުމުގެ ރޫހު ފެންނާނެ ބަޔަކަށް ވޯޓު ނުދީ، ބާރު ސްޕީޑުގައި ތަރައްގީ ގެންނަން ވޯޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ތާއީދު އޮތް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމްގެ ކެމްޕޭން ބައްދަލުވުމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކާއި މައިކްތައް ހިފައިގެން ދައްކަނީ ބަދަލު ހިފުމުގެ ވާހަކަ ކަމަށާއި އިދިކޮޅުން މުޅިން ވެސް ގެންގުޅެނީ ރައްޔިތުންނާ ދެކޮޅު ރޫހު ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެ ހަމަޖެހުމާ އެކީގައި ތަރައްގީ ގެނެސްދޭން. އެހެންވީމާ މި ހަމަޖެހުން މި ގައުމުގައި ގާއިމުކުރުމަށްޓަކައި، އަޅުގަނޑުމެންނަށް މި މަޖިލިސް ތެރެއިން ކޮންމެ ދުވަހަކު ދެކޮޅު ހެދުމާއި ޖެއްސުން ކުރުމާއި ހަމަނުޖެހުމުގެ ރޫހު ފެންނާނެ، މަންޒަރު ފެންނާނެ ގޮތަށް ޖާގަ ނުދެއްވަވާ. އަޅުގަނޑުމެން ހަމަޖެހުން ގައުމުގައި ގާއިމުކޮށްދޭނަން، ރައްޔިތުންނަށްޓަކައި ހަމަޖެހިގެން ގައުމު ތެރޭގައި ކަންކަން ގެންދެވޭނެ ގޮތަށް ވޯޓު ދެއްވަވާ. އޭރުން ރައްޔިތުންނަށް ބާރު ސްޕީޑުގައި ތަރައްގީ ލިބިގެން އަންނާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓަކީ ގައުމުގެ ހަމަޖެހުމަށް އަދި މިނިވަންކަން ޔަގީންކުރުމަށް ދޭ ވޯޓަކަށް ހަދަން ޖެހޭ ކަމަށާއި ސަރުކާރުން މިހާރު ވެސް މި ހަތަރު، ފަސް މަހުގެ ތެރޭގައި ވާނީ ވައުދުވީ ގޮތަށް ކަންކަން ފަށައިގަނެފައި ކަމަށެވެ. އަދި އެކަން ކާމިޔާބުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދިވެސް ދެން އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ގައުމުގެ ކަންކަން ގެންދިއުމުގައި އެ ވިސްނުމުގައި އެއްބާރުލުން ދޭނެ ބަޔަކު މަޖިލީހުގައި ތިބެން އެބަޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެން ބޭނުންވާ ގާނޫނުތަކެއް ވެސް ނެހެދޭނެ، އަޅުގަނޑުމެން ބޭނުންވާ ކަންކަމުގައި އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބޭނެ، ހަމަ އަންނާނީ އިދިކޮޅު ހެދުން. ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ހެދުން މި އޮންނަނީ، އިދިކޮޅު ހަދައިގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް އަދި މޮޅެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށާއި އެއްވެސް ސިޔާސީ ބޭފުޅަކަށް ވެގެން ފާޅުކުރައްވާ ހިޔާލަކާ ގުޅިގެން ފުލުސް އޮފީހަށް ގެންދާނެ ކަމަށް އެއްވެސް ސިޔާސީ ބޭފުޅަކު ކަންބޮޑުވެވަޑައިގެން މިހާރު ނޫޅުއްވާނެ ކަމަށެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ކުރީ ސަރުކާރުން ކަމެއް ކުރީތީ، މި ސަރުކާރުން ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.