ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ބާއްވަން އޮތް ޖަލްސާއަށް ސަރުކާރުން ހުރަސް އެޅުމަކީ، ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް މި ސަރުކާރުން ފުރުސަތު ނުދިނުން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމުން، އެ ޖަލްސާ ގިޔާދުއްސީން ސްކޫލުގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް ޖަލްސާއަށް މީހުންވެސް އައި ފަހުން ފުލުހުން ވަނީ، ގިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައިވެއެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅި މައްސަލައިގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔަ ހުއްދަ ދީފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

އަދި އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މި ވަގުތު ކުރިއަށްދާ އެއްވުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން އެ ޖަލްސާ ހުއްޓުވި އިރު، އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ތިއްބެވެ. އަދި ޕީއެންއެފްގެ ސަޕޯޓަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައިފައެވެ.

ފުލުހުންގެ އެ އަމަލު ކުށްވެރިކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާ އިރު، ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުން ކަމަށެވެ.

އެމްޑީޕީން ބުނީ، ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށްއޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްޑީޕީން ވަނީ ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށްވެސް ގޮވާލައިފައެވެ.

ގިޔާސުއްދީން ސްކޫލުގައި ޕީއެންއެފްގެ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން ފަހުން އެ ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. އެ ޖަލްސާގައި ވަގުތީ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.