މާދަމާ ފާހަގަކުރާ ފިތުރު އީދުގައިވެސް 'ދިރާގު އީދު ބޯކިބާ' ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިގާރު އީދު ބޯކިބާ ހަރަކާތަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމުގައިވާ އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ އެ ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ.

ދިރާގުން ބުނީ، މި އަހަރުވެސް 'ދިރާގު އީދު ބޯކިބާ' ހަރަކާތް ކުރިއަށްދާނީ އީދު ނަމާދަށްފަހު ހެނދުނު 7:30 ގައި މާލޭގައި ނަމަ އާޓިފިޝަލް ބީޗުގައި އަދި ހުޅުމާލޭގައި ނަމަ ސިންތެޓިކް ޓްރެކުގައި ކަމަށެވެ.

ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި، އަނެއްކާވެސް 'ދިރާގު އީދު ބޯކިބާ' އާންމުންނާ ހަމައަށް ގެނެސްދީ، ހުރިހާ އެންމެނާއެކު އީދު ދުވަސް ފާހަގަކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތައް ސަޕޯޓް ފޯރުކޮށްދެވޭނެ އެކިއެކި ގޮތްތަކަށް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރި މުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮހިތުން ކަމެއް ކޮށްދެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނާޔާ ވިދާޅުވިއެވެ.