ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފިއެވެ.

ދިރާގުން މިއަދު ބުނީ، މި ޕާޓްނާޝިޕާއެކު ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.

'ދަ ހަންގާ ގޭމްސް'، 'ޖޯން ވިކް'، 'ލާ ލާ ލޭންޑް' އަދި 'ނައިވްސް އައުޓް' ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ޕްލޭއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެކެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި، ލަޔަންސްގޭޓް ޕްލޭއާ ގުޅިގެން އެފަދަ މުނިފޫހިފިލުވުމުގެ ކަލެކްޝަނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަދި މިއާއެކު ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ދިވެހިރާއްޖޭ އިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ. އެގޮތުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބަލާލެވޭނެ،" މިރްޝާން ވިދާޅުވިއެވެ.

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވި ގޮތުގައި ދިރާގާއި ލަޔަންސްގޭޓް ޕްލޭއާ ދެމެދު ގާއިމުކުރި ޕާޓްނާޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަވުމުގެ އިތުރުން، ރާއްޖޭގެ ތަފާތު އޯޑިއަންސް ތަކާއެކުވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

"ޕާޓްނާޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަ ކަމާއެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދި ވެގެންދާނެ،" ރޯހިތު ވިދާޅުވިއެވެ.

އެ ޕާޓްނާޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމައިފައެވެ. އެގޮތުން ދިރާގު އީޒޯން އިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގައި ބައިވެރިވޭނެއެވެ.

ސަބްސްކްރިޕްޝަން ބޭނުންކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯ އައިޑީއަކީ ރާއްޖޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވިފައިވާ އައިޑީއަކަށް ވާންޖެހޭނެއެވެ. ދިރާގު އެޕް މެދުވެރިކޮށް ނުވަތަ https://ezone.dhiraagu.com.mv/ އިން ފަސޭހަ ކަމާއެކު ދިރާގު އީޒޯންއަށް ވަދެވޭނެއެވެ.