ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ގޯތި ދޫކޮށްފައިވާ މީހުންނާ ބިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުގެ ލިޔުމެއް ބިންވެރިންނަށް ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ގޯތި ދޫކުރާނެކަމުގެ ވަގުތީ ލިޔުން މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ.
މިނިސްޓަރު ސޮއިކުރައްވާ ބިންވެރިންނަށް ފޮނުވި އެ ލިޔުމުގައި ބުނެފައިވަނީ ބިން ލިބުނު މީހުންނަށް ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީއާއި ގޯތި ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގޯތި ހަވާލުކުރާނެ ކަމަށެވެ.
އަދި ގޯތީގެ ރަޖިސްޓްރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ވެސް ގޯތި ލިބިފައިވާ ކަމުގެ ލިޔުން ލިބި, އެ ލިޔުމުގައި ހިމެނޭ އިގުރާރުގައި ސޮއިކޮށްފައިވާ ނަމަ މިނިސްޓްރީއާއި އެ ފަރާތަކާ ގާނޫނީ ގޮތުން ބަނދެވޭނެ ކަމަށާއި އެހެންކަމުން, އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އިހުތިރާމުކޮށް, އެގޮތަށް ސަރުކާރުން އަމަލުކުރާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
ގޯތި ދޫކޮށްފައިވާ މީހުންނާ ބިން ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން މިނިސްޓަރުގެ ލިޔުމެއް ހަވާލުކުރި އިރު، ހައުސިން މިނިސްޓްރީން ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ފުރުސަތު ދޭން ނިންމީ ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅައި ކަމަށްވާތީ އާއި އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާ އެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭނެތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު