ބަނޑަށް ޖެހިފައިވާ ގާޒާގައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ރާއްޖޭގެ ޒަކާތު ފަންޑުން އެއް ލައްކަ ޑޮލަރު ފޮނުވަން ގަސްތުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގާޒާގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް އަދި ސީދާކޮށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ޝަހީމު ހާމަކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ޝަހީމް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޒަކާތް ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްތުކުރައްވާ އެއް ލައްކަ ޑޮލަރު ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި ގާޒާއަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ކުރިންވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވޭ،" ޝަހީމް ވިދާޅުވިއެވެ.
އިޒްރޭލުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުން ގެންދާ ހަމަލާގައި އެ ގައުމުގެ އެތައް ހާސް ބަޔަކު ޝަހީދު ވެފައިވާއިރު، އެ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ވަނީ ދެ މިލިއަން މަސް ދަޅު ހަދިޔާކޮށްފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ތަކެތި ހަދިޔާކުރަން ނިންމި ނަމަވެސް އެ ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަންވާ ގޮތެއް އަދި ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު