ހދ. ކުޅުދުއްފުށި ސިޓީއަށް މި ރޯދަމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ދިމާވި ގިނަ ގޮންޖެހުންތަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެގޮތުން މިހާރުވެސް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެއިން ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.
"މިނިމިގެންދާ ރަމަޟާންމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ލޮބުވެތި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ މި ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމަކަށްވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން، ކުޅުދުއްފުށީގެ ރައްޔިތުންނަށް މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައިވެއެވެ.
އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރި ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓި، އެ ރަށުގައި ހުރި ޖަނަރޭޓަރުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ރަށުން ކަރަންޓް ކަނޑާލަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު