ސިއްހަތަކީ އަސާސީ ހައްގެއް ކަމަށް ބަލައިގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުއްﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިއަދު ދެއްވި ހިތާބުގައި ހަލީލު ވިދާޅުވީ، "އަހަރެންގެ ސިއްހަތު - އަހަރެންގެ ހައްގު" މި ޝިއާރުގެ ދަށުން މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަމުންދާއިރު ސިއްހަތަކީ ކޮންމެ މީހެއްގެވެސް ހައްގެއްގެ ގޮތުގައި ދެކިގެން އެކަމާމެދު ވަރަށް ފުންކޮށް އަދި ފުޅާކޮށް ވިސްނަންޖެހޭ ކަމަށެވެ.

އަދި ސިއްހަތަކީ ނުވަތަ ސިއްހަތުގެ ހައްގަކީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ލިބެން ހުންނަ ސިއްހީ ފަރުވާއާއި ހިދުމަތްތައްކަމުގައި ވަރަށް ގިނަ ފަހަރަށް ހީވެފައި އޮންނަ ކަމަށާއި ދުޅަހެޔޮ ސިއްހަތެއް ލިބުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތަށް އުނިކަމެއް ލިބުމަށް މަގުފަހިވާ ކަންކަމާ އަދި ސިއްހަތު ހައްގެއްގެ ގޮތުގައި ކަށަވަރު ކުރުމުގައި އެކިފަރާތްތަކުން އަދާކުރަންޖެހޭ ދައުރަކީ ކޮބައިކަމާމެދު ގިނަފަހަރަށް ވިސްނާނުލެވޭ ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

ކޮންމެ ހައްގަކާއެކު ޒިންމާއެއް ވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގައި ސިއްހަތަށް ސަމާލުކަންދިނުމާއި ކެއިންބުއިމާއި އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ސިއްހަތުގެ ހައްގު ކަށަވަރު ކުރުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް، ފަރުދީ ފެންވަރުގައި ކުރެވިދާނެ އަދި ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެގޮތަށް އަމަލުތައް ބަހައްޓަން ކުރަންޖެހޭ ކަމަށެވެ.

އަދި ގާނޫނާއި ގަވާއިދުގެ ތެރެއިންނާއި ސަރުކާރުގެ ސިޔާސަތުގެ ތެރެއިންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މެންޑޭޓާއި މަސައްކަތުގެ ޕްލޭންތަކާ ތަންފީޒީ ނިޒާމުތަކުގެ ތެރެއިން، ސިއްހަތުގެ ހައްގު ކަށަވަރުކޮށް ހިމާޔަތް ކުރުމަކީ، މުޅި ދައުލަތުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

"ސިއްހަތުގެ ހައްގު ކަށަވަރު ކުރުމަށް ސިއްހީ ދާއިރާގެ ޒިންމާގެ ތެރެއިން އިންތިޒާމުކޮށް ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަންވޭ. އޭގެ އެންމެ އަސާސީ ކަންކަމުގެ ތެރޭގައި، ސިއްހީ ކަންކަމާބެހޭ އާއްމު މައުލޫމާތު ފޯރުކޮށްދިނުމާއި ބަލިވެގެން ދޭ ފަރުވާއާއި ނުވަތަ ބައްޔެއް ހުރިތޯ ދުރާލާ ބެލުމަށް ކުރެވޭ ދިރާސާތަކާއި ތަހުލީލުތަކުގެ ފުރިހަމަ މައުލޫމާތު ހިދުމަތް ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ބަލިމީހާއަށް ދެވޭ ފަރުވާއަކީ އޭނާގެ ހާލަތަށް ރިއާޔަތް ކުރެވިގެން އޭނާގެ ރުހުމުގައި ދެވޭ ފަރުވާއަށްވުމާއި އޭނާގެ ބަލިހާލަތާ އަދި ޒާތީ ސިއްހީ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އެ މައުލޫމާތުތައް އޭނާއަށް އޮޅުންފިލުވައިދިނުމާއި ހިދުމަތްތައް ފަސޭހައިން ރައްކާތެރިކަމާއެކު އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމާއި ހިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި، އޭނާގެ ކަރާމަތަށާއި އިންސާނީ ހައްގަކަށް އުނިކަން ނާންނަ ގޮތަށް އިހުތިރާމާ އިތުބާރާއެކު ފޯރުކޮށްދިނުން ހިމެނޭ،" ހަލީލް ވިދާޅުވިއެވެ.