ކުށުގެ މާހައުލުން ތަކުރާރުކޮށް ހައްޔަރުކުރާ ކުޑަކުދިން ބަލަހައްޓަން ވަކި ރަށެއްގައި ހާއްސަ ފެސިލިޓީއެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫ މިސްކިތެއްގެ ފާހާނަ ތެރޭގައި ދެ ކުއްޖަކު ވެގެން އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށްކުރާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ދައުލަތުގެ ކޮންމެވެސް ކަހަލަ މަރުކަޒެއްގައި ފަރުވާ ދެވޭނެ ނިޒާމެއް އެކުލަވާލަންޖެހެއެވެ. އަދި އެ ނިޒާމުގެ ތެރެއިން ހާއްސަ ސެންޓަރުތަކެއްވެސް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެފަދަ އެއް ސެންޓަރަކީ ލޯންގްޓާމް ރެސިޑެންޝިއަލް ކެއާ ފެސިލިޓީއެއް ކަމަށާއި އެ ފެސިލިޓީއަކީ ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިން، މުޖުތަމައުއަށް ދޫކޮށްލައިގެން ރިހިބެލިޓޭޝަން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލުކުރެވި، ދިގު މުއްދަތަށް މުޖުތަމައުން އެކަހެރިކޮށް، ބަލަހައްޓަން ހަދަންޖެހޭ ސެންޓަރެއް ކަމަށެވެ.
“އަދުގެ ސަރުކާރުގެ ވިސްނުމަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން އަޅުގަނޑުނެންނަށް މުޖުތަމައުން އެކަހެރިވެދާތަން ފެނި އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއެކު އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ގޮތަށް ކުދިން ނަގާނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ކުއްޖަކު ނެގުމަށްފަހު އެ ކުއްޖާއަށް 18 އަހަރު ވަންދެން އެ ފެސިލިޓީގައި ބަހައްޓާނެ ކަމަށެވެ. އަދި އެ ފެސިލިޓީގައި އެ ކުދިން ދީނަށް އަހުލުވެރިކޮށް، ރަސްމީ ތައުލީމުދީ، އަހުލާގީ ކަންކަމާއި ހުނަރު ތަރައްގީކުރުމުގެ އިތުރުން ސައިކޯ ސޯސަލް ސަޕޯޓް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު