އަނެއްކާވެސް ކުރީގައި އޮތް ނުބައި މިސްރާބަށް ގައުމު ގެންދަން މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ގައުމީ ވިސްނުމުގައި މަސައްކަތްކޮށްގެން، ގައުމީ ވިސްނުމުގައި ވޯޓުދޭ އިންތިހާބަކަށް ހަދަން ޖެހޭ ކަމަށާއި ހަގީގަތުގައި ވެސް އެއީ ގައުމީ މަސައްކަތެއް ކަމަށެވެ.

"ސަބަބަކީ ވަރަށް މަސައްކަތްތަކެއް އެބަ ކުރެވޭ މި ރަނގަޅު މަގަށް ދިވެހި ރައްޔިތުން ބުރަ މަސައްކަތުން ގައުމު މިސްރާބު ހަމަކޮށްފައި އޮއްވައި، އަނެއްކާވެސް ކުރީގައި އޮތް ނުބައި މިސްރާބަށް ގެންދަން މަސައްކަތް އެބަކުރޭ. އެ ފުރުސަތު އަޅުގަނޑުމެން އެކަމާ ގާފިލުވެ ތިބެ، އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކި ކަހަލަ ކުދިކުދި ހިތްހަމަނުޖެހުންތަކުގެ ތެރެއިން ލާފައިވިޔަސް، އެގޮތަށް ދީލާލައިފިއްޔާ އަޅުގަނޑުމެން ހިތާމަ ކުރާނެ. އެހެން އެކަންވިޔަ ދީގެން ނުވާނެ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ތަރައްގީ ހާސިލުކުރުމަށް އަޅުގަނޑުމެން މިތިބީ ފެން ބޮވައިގެންފައި. އެ ތަރައްގީ ހާސިލުކުރުމުގައި އަޅުގަނޑުމެންގެ ޓީމު ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް އެ ކުރަނީ. މިހާރު އެކަމުގެ ނަތީޖާތައް އެބަ ފެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަނގަޅު މިސްރާބެއްގައި ގައުމު ގެންދެވޭ އިރުގައި، އެކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުންކޮޅެއް ތިބެގެން ކަމަށާއި ޕީއެންސީގެ ފަރާތުން 93 ދާއިރާއަށް ވާދަކުރައްވަނީ އެފަދަ ބޭފުޅުން ކަމަށެވެ. އެހެންވީމާ އެބޭފުޅުން ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރުގަދަ ގައުމީ ޖޯޝުގެ މަސައްކަތްތަކެއް، ޖޯޝުން ފުރިގެންވާ ގައުމީ މަސައްކަތްތަކެއް ކުރައްވަން އެބަޖެހޭ. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުފާފާގަތިކަން ލިބޭނީ. އަޅުގަނޑު ކުރާ ހުރިހާ މަސައްކަތެއްގެ ވެސް ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން. މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑު ފަހުރުވެރިކަމާއެކު ކުރެވޭތޯ ބެލީ އެ ބިންގާގެ މަތީގައި ރާއްޖެ އާރާސްތުކުރުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ކޮންމެ މީހަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ދީނަށް ނަސްރުދޭ ބަޔަކަށް ވާން އަޅުގަނޑު ބޭނުންވާތީ އަޅުގަނޑު އެ ވާހަކަ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ދައްކަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ރަނގަޅު ބިންގަލުގެ މަތީގައި ގައުމު އާރާސްތުކުރުމުގެ މަސައްކަތް ފަށާފައި މިވާ ދަނޑިވަޅުގައި ކުރީގައި ދިޔަ ގޮތަށް ދާން ފުރުސަތު ދޫކޮށްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށްވާނެ ކަމަށާއި އެހެންވީމާ އިސްލާމްދީނުގެ ވަރުގަދަ އަސާސްގެ މަތީގައި، ދީނީ ހަމަތަކުގެ މަތީގައި ދިވެހިން ބޭނުންވާގޮތަށް ގައުމު ގެންދިއުމަށްޓަކައި އެންމެން އަތުކުރި އޮޅާލަންޖެހޭ ކަމަށެވެ.