ރާއްޖެއާއެކު ހިނާރުވެފައިވާ ގުޅުން ރަނގަޅުކުރަން އިންޑިއާގެ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ކޮންގްރެސް ޕާޓީން، އިންޑިއާ ލޮކް ސަބާ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަށް ހުށަހެޅި މެނިފެސްޓޯގައި ވަނީ ކޮންގްރެސް ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ، އިންޑިއާއާ އެންމެ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށެވެ.
މެނިފެސްޓޯގައިވާ ގޮތުން ރާއްޖޭގެ އިތުރުން، ބަންގުލަދޭޝް އަދި ސްރީ ލަންކާއެކު އިގުތިސޯދީ ގުޅުން ރަނގަޅުކުރުމަށް ކޮންގްރެސް ޕާޓީގެ ވެރިކަމެއްގައި މަސައްކަތްކުރާނެއެވެ. އަދި މިޔަންމާގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި، ނޭޕާލާއި ބޫޓާނަށް އިސްކަން ދޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީން ކާމިޔާބުކުރުމާއެކު، އިންޑިއާގެ މީޑިއާތަކުން ވަނީ "އެންޓި އިންޑިއާ" ލީޑަރަކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި އޭގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ދިޔައީ "އިންޑިއާ އައުޓް" ކެމްޕޭން ހިންގަމުންނެވެ. އެކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ވަނީ ކޮންމެވެސް ވަރަކަށް އަސަރުކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބިއިރު ވެސް އަދި މިހާރު ވެރިކަމާ ހަވާލުވެވަޑައިގެން ވެސް ބުނަމުންދަނީ އިންޑިއާއިން ދަނީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބެހި ނުފޫޒު ފޯރުވަމުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް އެއްވެސް ގައުމަކަށް ރާއްޖެއަށް ބުލީ ކުރުމުގެ ލައިސަންސެއް ނޯންނާނެ ކަމަށެވެ. އެއީ ނުސީދާ ގޮތެއްގައި އިންޑިއާއަށް އަމާޒުކުރެއްވި ބަހުގެ ހަމަލާތަކެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުކުރައްވައި، ބަދުބަސް ވިދާޅުވުމުގެ ސަބަބުން ވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު