(29 މާޗުގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރައްވައި އިސްލާމީ ޢަދުލުގެ ނިޒާމު ޤާއިމުކުރެއްވިފަހުން بــنـــوالــنّـضـيـــر ވަންހައިގެ މީހަކު بــنـــوقـــريـظــــة ވަންހައިގެ މީހަކު ޤަތުލުކުރުމުގެ ހާދިސާއެއް ހިނގިއެވެ. قـــريـظــــة ވަންހައިގެ މީހުން މަރުގެ ދިޔައިގެގޮތުން ދެގުނައިގެ ބަދަލުދޭން އެދުމުން نــضـيـــر ވަންހައިގެ މީހުން އެގޮތަކާ އެއްބަހެއް ނުވިއެވެ. ހަމަހަމަކަމުގެ ޙައްޤު ޤަބޫލުކުރުވަން މަސައްކަތްކުރާން ފަށައިފިއެވެ. ކުރިއާ ޚިލާފަށް މިހާރު އެމީހުނަށްވެސް ވާގިދޭނެ ނަޞުރުވެރިޔަކު އެބަހުރިކަން ޤަބޫލުކުރެވިގެންނެވެ. ދެފަރާތުގެ ޒުވާބު ގަދަވަމުން ގަދަވަމުންގޮސް އެންމެފަހުން ދެ ޤަބީލާގެ ދެމެދުގައި ހަނގުރާމައިގެ އަލިފާން ރޯވުމުގެ ބިރު އުފެދުނެވެ. ނަމަވެސް އެންމެފަހުން ދެފަރާތުންވެސް محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ އަރިހަށް މައްސަލަ ގެންގޮސް އެފަރާތްޕުޅުން ކުރައްވާ ޙުކުމެއް ޤަބޫލުކުރާން ރުހި އެއްބަސްވެއްޖައޫއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނިޔާކަނޑައެޅުއްވީ "فَـحْكُـــمْ بَـيْــنَــهُــــمْ بِــالْــقِسْطِ" މި އިލާހީ އަމުރުފުޅާ އެއްގޮތެވެ. މަރުގެދިޔަ ނެގުމުގައި ޔަހޫދީން ޢަމަލުކުރަމުންއައި ނަހަމައާއި ބޭއިންސާފު އުވައިލައްވައި އަބަދަށްޓަކައި ތިލަފަތުގެ ދެކިބަ އެއްވަރުކޮށްލެއްވިއެވެ. ހަމައެއާއެކު ކީރިތި ޤުރްއާނުގައިވަނީ އިލާހީ ޢަދުލުގެ ނިޒާމަށް ބުރޫއަރުވާ މީހުންނާ މުޚާޠަބުކުރައްވައި އިންޒާރުކުރެއްވުމުގެ ބަސްފުޅު ވަޙީކުރައްވައިފައެވެ.
"اللّــــه ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފަރުންނެވެ." (المــــائــــدة: 44)
އިސްލާމްދީނުގެ ޢަދުލުއިންޞާފުގެ ނިޒާމާއި ޙައްދުތައް ޤާއިމުކުރުމުގެ ނިޒާމު ޤާއިމުކުރުމުގައި ހުރަހަކަށްވީ ހުސްއެކަނި މަދީނާގެ ޔަހޫދީންކަމުގައިވީނަމަ އެކަންވެސް ޣަނީމާއެއްކަމުގައި ބަލައިގަނެވުނީހެވެ. އެކަމަކު މައްސަލައަކީ އެދުވަސްވަރު މުޅި ޢަރަބި ބައްރުގައިވެސް އިންޞާފު ޤާއިމުކުރުމުގައި ދެތިން މިންގަނޑެއް ގެންގުޅުނުކަމެވެ. ކަމުވޮށިގެންވާ މީހުންގެ މައްޗަށް ހިންގަނީ ވަކި ޤާނޫނެކެވެ. ދަށުފަންތީގެ މައްމީހުންގެ މައްޗަށް ވަކި ޤާނޫނެކެވެ.
ދުވަސްވަރަކީ މައްކާ ފަތަޙަކުރެއްވި ދުވަސްވަރެވެ. މައްކާގެ އަޝްރާފުންގެ އަންހެނަކު ވައްކަންކުރުމުގެ ކުށުގައި ހައްޔަރުކުރެވުނެވެ. އޭނާގެ ނަމަކީ فــاطــمــــة އެވެ. ޤުރައިޝުންގެ ނުފޫޒުހުރި ވަންހައެއްކަމުގައިވާ مخـــــزوم ވަންހައިގެ މީހެކެވެ. އޭނާ ހައްޔަރުކުރެވުމުން ޤުރައިޝުން ވަރަށް ކަންބޮޑުވިއެވެ. ޢާންމު އަންހެނުންގެ މައްޗަށް ޤާނޫނު ހިންގައި އުޅޭގޮތަށް އެފަދަ ކަނބަލެއްގެ މައްޗަށް ޤާނޫނު ހިންގުމަކީ ޤުރައިޝުންގެ ތަޞައްވުރަށް ގެނެވޭފަދަ ކަމަކަށެއް ނުވިއެވެ. މާތް اللّــــه ގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ދަންނަވައިގެން އެކަނބުލޭގެ ސަލާމަތްކުރާން ޤުރައިޝުން މަޝްވަރާކުރިއެވެ. އެކަމަކު މައްސަލަޔަކަށްވީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިރިޔާ ފާތުރާގެ ދަށަށް އެ މައްސަލަ ހުށަހަޅާން ކެރޭ މީހަކު މަތިކުރުމެވެ. أســــامـــــة بــــن زيــــد رضــــى اللّــــه عــنـــــه އަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު ލޯބިފުޅުވާ އަދި އެމާތް ސާހިބާގެ އަރިސް ޞަޙާބީއެކެވެ. ޤުރައިޝުން ސައްލާކޮށްގެން އެ މައްސަލައިގައި ސަކާކުރައްވަން أســــامـــــة އެއްބަސްކުރުވިއެވެ.
أســــامـــــة رضــــى اللّــــه عــنـــــه ވަޑައިގެން އެވާހަކަ ދެންނެވުމާއެކު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މޫނުފުޅުމަތީގެ ކުލަކޮޅު ބަދަލުވެއްޖެއެވެ. أســــامـــــة ދެކެ ނުރުހުންވެވަޑައިގެން ޙަދީސުކުރެއްވިއެވެ. "މާތް اللّــــه ގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް މަނާކުރުވާން ސަކާކުރަނީހެއްޔެވެ؟" އެފަދައިން ޙަދީސުކުރައްވާއިރަށް أســــامـــــة އަށް އެކަލޭގެފާނަށް ކުށެއް ކުރެއްވިއްޖެކަން އިޙްސާސުވެވަޑައިގެންފިއެވެ. أســــامـــــة رضــــى اللّــــه عــنـــــه ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުން މަޢާފު އެދިވަޑައިގެންފިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަހުގެ އިރުއޮއްސޭން ކައިރިވުމުން ޢާންމު އެއްވުމެއް ބާއްވަވައި ވާހަކަފުޅު ދެއްކެވިއެވެ. އެވާހަކަފުޅުގައި ޙަދީސުކުރެއްވިއެވެ.
"ތިޔަބައިމީހުންނަށްވުރެ ކުރީގެ އުންމަތްތަކުގެ މީހުން ހަލާކުވެ ދިޔުމުގެ ސަބަބީ އެބައިމީހުންކުރެ ބޮޑުންގެ މީހަކު ވައްކަމެއް ކުރިކަމުގައިވިޔަސް ނުދެނެތިބިކަމުގައި ހަދައިފައި ދޫކޮށްލުމެވެ. ބަލިކަށި ނިކަމެތި މީހަކު އެކުށް ކޮށްފިކަމުގައިވާނަމަ އެމީހަކަށް އަދަބު ދިނުމެވެ. އަހުރެން މާތް اللّــــه ގެ ރަސްކަންފުޅު ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެންގެ ފުރާނަވަނީ އެކަލާނގެ ބާރުފުޅުގެ ދަށުގައެވެ. فــاطــمــــة بـنـت محـمّــد ވައްކަމެއް ކުރެއްވިކަމުގައިވިޔަސް އަހުރެން އެކަމަނާގެ އަތްޕުޅު ކަނޑާހުށީމެވެ." (مسلـــم بــاب الــنـهـــى عــــن الشفـــاعـــة فـــــى الحـــــدود)
އަންޞާރިއްޔަ ބޭކަނބަލެއްކަމުގައިވާ أمّ حـــارثــــة رضــــى اللّــــه عــنــــهـــا ގެ މައްސަލައެއްގައިވެސް ޢަރަބީންނަށް އިހުއްސުރެ ވާރުތަވެފައިވާ ޒިހުނިއްޔަތުވަނީ ފާޅުވެގެން އައިސްފައެވެ. أمّ حـــارثــــة ވަނީ އަންހެނެއްގެ ދަތެއް ބިއްދައިލައްވައިފައެވެ. މުޤައްދިމާ ހުށަހެޅުނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޢަދާލަތަށެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙުކުމްކުރެއްވީ ޤިޞާޞް ހިފުމަށެވެ. އެވަގުތު أُمّ رُبَـــيَّــعُ رضــــى اللّــــه عــنــــهـــا (ޢިލްމުވެރީން ބުރަވެވަޑައިގަންނަވަނީ أمّ حـــارثــــة އާއި أُمّ رُبَـــيَّــعُ އަކީ ދެބީނުން ކަމުގައެވެ. އެކަމަކު މި މައްސަލައިގައި ރާވީންގެ މެދުގައި ކޮންމެވެސް އޮޅުމެއް އުޅޭކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ.) އެ މައްސަލައިގެ ތެރެޔަށް ވެދެވަޑައިގެން ޙައިރާންފުޅުކަމާއެކު ސުވާލުކުރެއްވިއެވެ. "މާތް اللّــــه ގެ ރަސޫލާއެވެ! މިފަންތީގެ މީހުން ކިބައިންވެސް ޤިޞާޞް ހިފެވޭނެތޯއެވެ؟ މާތް اللّــــه ގަންދެމެވެ. އެކަމަނާގެ ކިބައިން ޤިޞާޞް ހިފެވުނަކަ ނުދޭނަމެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "އަޅޭ أُمّ رُبَـــيَّــعُ އެވެ! ޤިޞާޞް ހިފުމަކީ އިލާހީ ޙުކުމްފުޅެކެވެ!" އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަދައިން ޙަދީސުކުރެއްވުމުންވެސް އެފެންވަރުގެ ބޭކަނބަލެއްގެ ދަތްޕުޅެއް މުގުރައިލެއްވިގެން ވާނެކަމަކަށް أُمّ رُبَـــيَّــعُ އަކަށް ޤަބޫލުފުޅެއް ނުކުރެއްވެވުނެވެ. އަނެއްފަހަރުވެސް ޤިޞާޞް ހިފެވުނަ ނުދެއްވާނެކަމަށް ހުވާކުރައްވައިފިއެވެ.
ކޮންމެއަކަސް ދެފަރާތުން ވާހަކަ ދެކެވިގެން ދިޔަ ދިނުމުގެ މައްޗަށް މުޢާމަލާ ނިންމައިލެއްވިއްޖެއެވެ. ޤިޞާޞުގެ ޙުކުމުގެ ތެރޭގައި ދިޔަ ދިނުމުގެ މައްޗަށް މުޢާމަލާކުރެވުމުގެ ޖާގަވެސް އޮވެއެވެ. (مسلـــم بــاب الــقصـاص مـــن الجــــراح الا ان يــــرضــــوابــالــدّيـــة)
ޔަހޫދީން މަސައްކަތްކުރީ ހުސްއެކަނި އިސްލާމްދީނުގެ ޢަދާލަތީ ނިޒާމުގައި ހޮއިހައްދާކަށެއް ނޫނެވެ. އިސްލާމީ ދައުލަތުގެ ސިވިލް އިންތިޒާމުތަކާއި ދައުލަތް ހިންގާ ހުރިހައިކަމެއް އަގަޑަބަގަޑި ކުރާންވެސް އެވެރީން މަސައްކަތް ކުރިއެވެ. އެގޮތުން ދައުލަތުގެ ޢާމިލުންނަށް ރިޝްވަތުދީގެން މުޢާމަލާތައް ނުބައި އަތްއަތަށް ފިރައިލާންވެސް މަސައްކަތް ކުރިއެވެ. މިބާވަތުގެ އެއްމިސާލަކީ އިސްލާމީ ދައުލަތުގެ ޓެކްސް ކަލެކްޓަރަކަށް ރިޝްވަތުދޭން މަސައްކަތްކުރުމެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ފަތަޙަކުރެއްވުމަށްފަހު ޚައިބަރުގެ ބިންވަނީ ޔަހޫދީން އެދުނު އެދުމުގެމަތީން ދަނޑުގޮވާންކުރާން އެބައިމީހުންނާ ޙަވާލުކުރައްވައިފައެވެ. ލިބޭ ގޮވާމާއި މޭވާގެ ދެބައިކުޅައެއްބައި އިސްލާމީ ދައުލަތަށް ދޭގޮތަށެވެ. މުސްލިމުން ޚައިބަރު ފަތަޙަކުރިފަހުން އެންމެފުރަތަމަ ގޮވާންކަނޑާ މޫސުން އައުމުން ދައުލަތުގެ ފަރާތުން ޓެކްސް ކަލެކްޓަރަކަށް ފޮނުއްވީ عــبـــد اللّــــه بـــن رواحـــة رضـــى اللّــــه عــنـــه އެވެ. ޔަހޫދީންގެ ޖަދު ފެށުނީއްސުރެ އެބައިމީހުން އާދަވެފައިވާ ސުންޕާ ވަބާގައި އިސްލާމީ ދައުލަތުގެ ކަލެކްޓަރވެސް ހައްޔަރުކޮށްލެވޭތޯ ޔަހޫދީން މަސައްކަތް ކުރިއެވެ. عــبـــد اللّــــه بـــن رواحـــة رضـــى اللّــــه عــنـــه އަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފޮނުއްވި އެމާތް ސާހިބާ އިތުބާރުކުރައްވާ ކަލެކްޓަރެކެވެ. އެކަލޭގެފާނުގެ ހުންނެވީ ޚައިބަރުގެ ޔަހޫދީންނަށް ހިތަށް ނުގެނެވޭހައި އުހުގައެވެ. މާމަތީގައެވެ. އެކަލޭގެފާނު ނުހަނު ޞަރީޙު ބަސްފުޅުން ޔަހޫދީންނަށް ޖަވާބު ދެއްވިއެވެ. ވިދާޅުވިއެވެ.
"އޭ މާތް اللّــــه ގެ ދުޝްމިނުންނޭވެ! ތިޔަބައިމީހުން ބޭނުންވަނީ އަހަރެންނަށް ޙަރާމް މުދާ ކާންދޭންހެއްޔެވެ؟" (ސީރަތުއްނަބިއްޔި، މައުލާނާ ޝިބްލީ: ޖިލްދު: 2، ޞަފުޙާ 75 - ޙަވާލާ ފުތޫޙުލްބުލްދާނީ: 31)
އެކަލޭގެފާނު ވަޑައިގެންނެވި ބޭނުން ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. "ތިލަފަތަކުން ކިރާ ފަދައިން އަހަންނާ މުޢާމަލާ ކުރާށެވެ." އަދިވެސް ވިދާޅުވިއެވެ. "މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަހަރެން މިރަށަށް ފޮނުއްވީ ޙަރާމްގޮތުގައި ތިޔަބައިމީހުންގެ މުދާ ކާކަށެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އަހަރެން ފޮނުއްވީ މިރަށުގެ ގޮވާމާއި މޭވާ ތިޔަބައިމީހުންނާއި މުސްލިމުންނާ ދެމެދު އިންސާފުން ހަމަޔަށް ބަހާށެވެ. ތިޔަބައިމީހުން ބޭނުންކަމުގައިވާނަމަ އަހަރެން ދެބައިކޮށްފައި އެއްބައި ތިޔަބައިމީހުންނަށް ދީފާނަމެވެ. ނުވަތަ ތިޔަބައިމީހުން އަމިއްލަޔަށް ހަމަޔަށް ދެބައިކޮށްފައި އެއްބައި އަހަންނާ ޙަވާލުކުރާށެވެ."
عــبـــد اللّــــه بـــن رواحـــة رضـــى اللّــــه عــنـــه އަންދާޒާކުރެއްވީ އެމޫސުމުގައި ލިބުނު ގޮވާމުގެ ޢަދަދަކީ ސާޅީސްހާސް ވަސްޤު ކަމުގައެވެ. ޔަހޫދީންނަށް ވިހިހާސް ވަސްޤު ދެއްވައިފައި އިސްލާމީ ދައުލަތަށް ވިހިހާސް ވަސްޤު ނެންގެވިއެވެ. މި އިންސާފުވެރި ބެއްސެވުމާމެދުވެސް ޔަހޫދީންގެ ލަޓޯފަޓޯއިންގެ ބަޔަކު ރަތަށް އެރިއެވެ. ތިޔައީ ބޭއިންސާފު ބެހުމެކޭ ކިޔައިފައި ހަޅޭއްފަޅޭއްލެވިއެވެ. ނަމަވެސް އިންސާފަށް ލޯބިކުރާ ޢާންމުން ޤަބޫލުކުރިއެވެ. އެބައިމީހުން ބުންޏެވެ. "އުޑުތަކާއި ބިންތައް ޤާއިމުވެފައިވަނީ ތޔަ ޢަދުލުވެރިކަމުގެ މައްޗަށެވެ." عــبـــد اللّــــه بـــن رواحـــة رضـــى اللّــــه عــنـــه އެކަލޭގެފާނުގެ މުޅި ޢުމުރުފުޅަށް ޚައިބަރުގެ ޓެކްސް ކަލެކްޓަރކަން ކުރެއްވިއެވެ.
ޝައްކެއްނެތެވެ. ރަނގަޅަށް އިންތިޒާމުކުރެވި ހަމަތަކަކަށް ބޯލެންބިފައިނެތް މުޖްތަމަޢެއް ފުރިހަމަޔަށް ޤާނޫނާއި ގަވައިދުތަކަށް ތަބާކުރެވި އިންތިޒާމު ކުރެވިފައިވާ ދައުލަތަކަށް ހެއްދެވުމާއި އެ މުޖްތަމަޢުގެ މައްޗަށް އިލާހީ ޤާނޫނުގެ އިންސާފުވެރި ހަމަތައް ހިންގައިލެއްވުމަކީ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ވަރަށްބޮޑު އިންސާނީ ޚިދުމަތެކެވެ. ތަހްޒީބާއި ދީނީ އަގުތަކުގެ ބެލެނިވެރީންކަމުގައި ދަޢުވާކުރާ މީހުން އެމަސައްކަތްޕުޅަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެށުނީއްސުރެ ގެންދިޔައީ އިންތިހާދަރަޖަޔަށް ހުރަސްއަޅަމުންނެވެ. ޙައްޤުގެ ނިޒާމުގެ މޫތައް ހަރުލިޔަނުދީ ބަލިކަށިކުރާން އެއުރެން ކުރަމުންގެންދިޔައީ މާފުނުކުރެވޭފަދަ މަސައްކަތްތަކެކެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން