މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން އެ ވަޒީފާއަށް 230 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މިސްކިތް ފޮޅައި ސާފުކުރުމުގެ ވަޒީފާއަށް ދިވެހިން ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އެފަހަރު 114 ދިވެހިން ހޯދަން އިއުލާން ކުރުމުން އެފަހަރު ކުރިމަތިލީ 14 މީހުންނެވެ.

ތަރުހީބު ދަށްވުމުން ކައުންސިލުން އުސޫލަށް ބަދަލު ގެނެސް، އެ މަގާމަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމައި އަލުން މިދިޔަ މަހު އަލުން އިއުލާން ކުރިއެވެ.

ކައުންސިލުން ދެވަނަ ފަހަރަށް އިއުލާނު ކުރީ މާލޭގެ މިސްކިތްތައް ސާފުކުރުން 110 މީހުން ހޯދުމަށެވެ.

އެ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ މިއަދު "ވަން" އަށް ވިދާޅުވީ މިފަހަރު އިއުލާނު ކުރުމުން 230 އަށްވުރެ ގިނަ މީހުން އެ ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި ސަރުކާރު ހުޅުވުމުން އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެކުރިން މާލޭގެ މިސްކިތްތައް ސާފުކޮށް ބަލަހައްޓަމުން ގެންދިޔައީ އެކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމިއެވެ.