ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހުއްޓުމަކަށް ގެނެވޭނެ ބާރު އޮންނާނެ ކަމަށާއި ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން މުހިންމުވަނީ އެހެންވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕޭން ހަރަކާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ އަދި ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތާ އެކީގައި މާލެ ސިޓީގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ މި ފަސް އަހަރު ނިމޭއިރު އެއްކޮށް ހައްލުކުރައްވާނެ ކަމަށާއި އެކަން ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ނުލިބެންޏާ، ކުރިމަތިކުރެވޭނެ އެތައް ހުރަހެއް އެބަހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ މަސައްކަތް އެއްކޮށް ހުއްޓުން ގެނެވޭހާ ބާރު އޮތް ތަނެއް މަޖިލީހަކީ. ދުވާލަކު އެއްފަހަރު ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގިޔަސް ސަރުކާރު ހިންގަން އުނދަގޫވާންނުންތޯ. ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނޯ ކޮންފިޑެންސް ނަގަން މަސައްކަތްކުރިޔަސް ހުރަސްތައް އަންނާނުންތޯ. ދެކޮޅު ނުޖެހޭ އެތައް ގާނޫނުތަކެއް ފާސްކުރަން، ސަރުކާރަށް ހުރަސް އަޅަންވެގެން ކަންތައްތަކެއް ކުރިޔަސް ހުރަސް އެޅޭންނޫންތޯ. ބަޖެޓު ފާސް ނުކޮށްދިނަސް، ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ނަގަން ޖެހޭ ލޯނުތަކާއި އަދި ލިބޭ އެހީތަކުގެ ބޭނުންކުރުމަށް ވެސް އެތައް ހުރަހެއް ކުރިމަތިކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ އާއި އިޖުތިމާއީ ގޮތުން ހައްލުވާން ހުރި ކަންކަން ހައްލުވުމަށް ކަމަށާއި މަގުތައް ހެދި، ޕާކިންގެ މައްސަލަ ހައްލުވެ، މުޅި މާލެ ސިޓީއަށް ހަމަޖެހުން އަންނަން މާލޭގެ ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ އެކަންކަމަށް ސަރުކާރުގެ ތެރެއިން ކުރަން ހުރި ކަންކަމަށް މަޖިލީހުގެ ދައުރު އަދާކޮށްދޭނެ ބަޔަކު ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަޖިލީހަކީ ޒަރޫރީ ތަނެއް، ސަރުކާރަށް އެހީތެރިކަން ދިނުމަށް، ރައްޔިތުންނަށްޓަކައި ހިދުމަތްކުރާ އިރުގައި. އެހެންވީމާ މި ބޭނުންވަނީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ވިސްނުމުގައި ތިބި، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ދޭނެ މެންބަރުންތަކެއް ހޮވަން. އެހެންވީމާ އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވާލަނީ ވެސް މިކަމުގައި އަޅުގަނޑުމެން އެންމެން ހެޔޮ ވިސްނުމުގައި މަސައްކަތްކޮށްދެއްވާށޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ދުސްތޫރު ހެދިފައި އޮތް ގޮތުން އޮތީ މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫން ކަމަށާއި އެހެންކަމުން މި އިންތިހާބުގައި އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އޭރުން މާ ލަސްތަކެއް ނުވެ އަމަލީގޮތުން އެކަންކަން ވެގެންދާ ތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު