ފުވައްމުލަކު ސިޓީގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ރޭ ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް، ދިގުވާޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސަވޭޓަރެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ކޮށްފައިވަނީ 23:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވެފައިވާ 27 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމަށް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓް ހިނގާފައިވާ ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާނާ އޮތީ ހޭނެތިފައެވެ. އަދި އޭނާގެ ކަނާއަތުން ވަރަށް ބައިވަރު ލޭ ފައިބައިފައި ހުރި އިރު، އެ އަތަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ މަންޒަރު ފެނެއެވެ. އަދި އެ މީހާ ދުއްްވަން އިން ސައިކަލަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ އިރު، އޭގެ ކުރީ ފުރޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެއެވެ.

ރޭ ފުވައްމުލަކުގައި ނުރައްލާތެރި އެކްސިޑެންޓެއް ހިނގި އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ވަނީ އެ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހިގެންނެވެ. އެ ޒުވާނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.