އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރި ޕޭ އިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމުތަކުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަމަށާއި ބަނޑޭރި ޕޭ އިން ނަމަ، ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި، ޒަކާތް ބަލައިގަތުމަށް ބަހައްޓާފައި ހުރި ކައުންތަރުތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށާއި އަދި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ވަގުތަކީ ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 6:00 ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ދުވަހުއެވެ. އޮންލައިންކޮށް ޒަކާތު ފައިސާ ދެއްކޭނީ ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޯބައިލް، ބީއެމްއެލް ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭއިންނެވެ.

މި ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކޮށްފައިވުމުން މިދިޔަ މަހުގެ 31 އިން އަންނަ އަންގާރަ ދުވަހާ ހަމައަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސިން އިން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ އާދައިގެ ހަނޑޫނަމަ 12 ރުފިޔާއެވެ. ތައިލެންޑް ހުދު ހަނޑޫނަމަ 70 ރުފިޔާއެވެ. ރަތް ހަނޑޫ ނަމަ 80 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ ނަމަ 70 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ ނަމަ 100 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އެންމެ މޮޅުނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށް ނަމަ ދިހަ ރުފިޔާއެވެ. އަދި އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.