ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލި ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހަދަމުން ގެންދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭ ގޮތަށް މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ބުނެ ވާހަކަދައްކާއިރު، އެ މަނިކުފާނު ވެރިކަމާހަވާލުވެވަޑައިގަތުމުގެ މާކުރިންވެސް އެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެ މަޝްރޫއުތައް ހުއްޓިފައި ހުރީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
"527 މަޝްރޫއު މި ދެންނެވި ހުރިހާ ދާއިރާއަކުން އެކަނި ރާއްޖޭގެ އެކިކަންކޮޅުތަކުގެ މިހާރު އެބަ ހިނގާ،" ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ދާއިރާތަކާއި އަދަދުތައް ފާހަގަކުރެއްވުމަށްފަހު ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުއްޓިފައި ހުރި ކަމަށާއި އެ ފައިސާދީ ނިންމައި، އަލުން އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
އަދި ބަނދަރު ހެދުމާއި ތޮށިލުމާއި ބިން ހިއްކުމުގެ 30 މަޝްރޫއުއެއްގެ މަސައްކަތް ހުއްޓިފައި ހުރި އިރު، އެ މަޝްރުއޫއުތައް ހިމެނޭ ގޮތަށް އެފަދަ 90 މަޝްރޫއެއްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ހުއްޓިފައި އޮތް މަގު ހެދުމުގެ 17 މަޝްރޫއެއް ފަށާފައިވާއިރު ހުއްޓިފައި އޮތް ދަނޑު ހެދުމުގެ 84 މަޝްރޫއެއްގެ ތެރެއިން 46 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިސްކިތް ހެދުމުގެ 20 މަޝްރޫއެއް ހުއްޓިފައި އޮތްއިރު، އެ މަޝްރޫއުތަކާއެކު 42 މިސްކިތް ހެދުމުގެ މަޝްރޫއުއެއް މި ސަރުކާރުން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ 90 މަޝްރޫއެއް އެ މަނިކުފާނު ސަރުކާރާ ހަވާލުވި އިރު އޮތީ ހުއްޓިފައެވެ. ނަމަވެސް މިހާރު ތައުލީމީ ދާއިރާގެ 217 މަޝްރޫއެއް ފަށާފައިވާއިރު 11 ރަށެއްގައި ހައުސިން މަޝްރޫއުތައްވެސް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު