ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ދ. ކުޑަހުވަދޫ ދާއިރާއަށް ވާދަކުރެއްވުމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓް، އަހުމަދު އިބްރާހީމް، ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް، ހުސެއިން ހަމީދަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ކުޑަހުވަދޫ އާއި މާއެނބޫދޫ ހިމެނޭ، ކުޑަހުވަދޫ ދާއިރާގެ މާއެނބޫދޫގައި ބޭއްވި ހަފުލާއެއްގައި އަހުމަދު އިބްރާހީމް ވަނީ މި ކަން ރަސްމީކޮށް އިއުލާނު ކުރައްވައިފައެވެ. އަދި އޭނާއަށް ތާއީދުކުރާ ހުރިހާ ރައްޔިތުން ހުސެއިން ހަމީދަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް، ހުސެއިން ހަމީދުވެސް ބައިވެރިވަޑައިގެންނެވި މި ހަފުލާގައި އަހުމަދު ވިދާޅުވި ގޮތުގައި ހުސެއިން ހަމީދަށް ތާއީދުކުރެއްވުމަށް ނިންމެވި މައިގަނޑުސަބަބަކީ، އޭނާ ވާދަކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން، ވޯޓުތައް ބެހިގެންގޮސް، ސަރުކާރާ އިދިކޮޅު މީހަކަށް މަޖިލީހުގެ ގޮނޑު ކާމިޔާބު ވުމުގެ ފުރުސަތު ފަހިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

"އަޅުގަނޑަށް ލިބޭނެ ގިނަ ވޯޓަކީ ސަރުކާރު ކެންޑިޑޭޓު ހުސެއިން ހަމީދަށް ގެންލިގެން ދާނޭ ވޯޓު. އެހެން އެކަން ވީމަ ދެން މިވާގޮތަކީ އޭގެ ފައިދާ މި ނަގަނީ އިދިކޮޅު އެހެން ކެންޑިޑޭޓުން. މާނައަކީ ސަރުކާރު ނޫން ފަޅިއަކަށް ގޮނޑި ލިބުން. އެއީ އަޅުގަނޑު އެދޭ ގޮތެއް ނޫން. އަދި އެއީ ދާއިރާގެ ރައްޔިތުންގެ ހެވާއި ލާބަ އޮތް ގޮތެއް ނޫން. ދާއިރާގެ ތަރައްގީއާއި ކުރިމަގު ގުޅިފަ އޮތީ ސަރުކާރު ކެންޑިޑޭޓާ." އަހުމަދު ވިދާޅުވި އެވެ.

މާއެނބޫދޫގައި އޮތް މި ހަފުލާގައި ކުޑަހުވަދޫ އާއި މާއެނބޫދޫގެ ރައްޔިތުންގެ ތެރެއިން ހުސެއިން ހަމީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވެފައިވެއެވެ. އަހުމަދު އިބްރާހީމްގެ ތާއީދު ދެއްވުމާއި ގުޅިގެން، ހުސެއިން ހަމީދު މި ހަފުލާގައި ވަނީ އަހުމަދަށް ހާއްސަ ޝުކުރެއް އަދާކުރައްވައި، އެއީ މާއެނބޫދޫއާއި ކުޑަހުވަދޫ އަދި މުޅި ގައުމަށް ޓަކައި އަހުމަދު ނިންމެވި ވަރަށްވެސް މުހިންމު ނިންމެވުމެއްކަމަށް ފާހަގަކުރައްވައިފައެވެ.

އަހުމަދު އިބްރާހީމަކީ މާއެނބޫދޫގެ އިޖުތިމާއީ ހިދުމަތުގައި ފާހަގަކުރެވޭ، އެ ރަށުގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ބޮޑު ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގައި ވެސް ދިގު މުއްދަތެއް ވާންދެން ހިދުމަތް ކުރައްވައިފައެވެ. އެ ގޮތުން 25 އަހަރަށްވުރެ ގިނަ ދުވަސް ވާންދެން ސަރުކާރު މަސް ކުންފުނި މިފްކޯގައި ހިދުމަތް ކުރައްވައިފައިވެއެވެ.