އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މ. މުލައް، ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެއީ އީސީގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީއަށް ފެންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށް ކޮމިޓީން ވަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމުން، އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެނަން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގައެވެ.